ސަރުކާރުގެ މަސައްކަތް ރައްޔިތުން ބަލައިގެންފި: ޝާހިދު

ރައްޔިތުން ވަނީ ސަރުކާރުގެ މަސައްކަތް ބަލައިގެންފައިކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނަވާނެކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ޕްރިންޓް"އަށް ދެއްވި އިންޓަވިއުއެއްގައެވެ.މި އިންޓަވިއުގައި ޝާހިދު ވަނީ އިންޑިއާ އަދި ރާއްޖެއާ ދެމެދުއޮތް ގާތް ގުޅުމަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ. އަދި މީގެކުރިންވެސް ރާއްޖެއިން ބޭނުންޖެހުނު ކޮންމެ ވަގުތެއްގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފައިވެއެވެ.ޝާހިދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި މިހާތަނަށް ރައްޔިތުންނަށް ވަރަށް ރަނގަޅު ކަންތައްތަކެއް ކޮށްދީފައިވާ ކަމަށެވެ. އެކަންތައްތައް ރައްޔިތުން ވަނީ ބަލައިގެންފައި ކަމުގައިވެސް ވިދާޅުވި އެވެ.އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭގޮތުން ޝާހިދު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ޝާހިދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ ރައްޔިތުންގެ ތަރައްގީއަށް ކޮށްދޭނެ ކަމެއް ނެތް ބަޔަކު އަވަށްޓެރިންނާ ދެކޮޅަށް ހިންގާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.ޝާހިދުގެ އިތުރުން ރައީސް ސާލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނަވާ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި، ސިޓީތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލުތަކުގެ ރައީސުން ވަނީ ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ތާއީދުކުރައްވާފައެވެ.ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ގިނަ ބަޔަކު ތާއީދުކުރައްމުންދާއިރު ރައީސް ސާލިހުވެސް ވަނީ ރިޔާސީ އިތުރު ދައުރަަކަށް ވާދަކުރެއްވުމުގެ ޝަޢުޤުވެރިކަން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ