ހައްގު ހުރިހާ ރައްޔިތުންނަށް އެޖެންޑާ 19އިން ފްލެޓް ޔަގީންކޮށްދޭ، އެވާހަކަ ކެންޑިޑޭޓުންނަށް ބުނެވޭނެ : އެމްޑީޕީ

ހައްގު ހުރިހާ ރައްޔިތުންނަށް އެޖެންޑާ 19އިން ފްލެޓް ޔަގީންކޮށްދޭ ކަމަށާއި އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް އެވާހަކަ ދެއްކޭނެ ކަމަށާއި އެއީ މައްސަލައެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން، ކެމްޕޭން ކުރަމުން އަންނަ އިރު، ރައްޔިތުންނަށް ފްލެޓް ހޯދައިދޭނެ ކަމަށް ވައުދުވަމުން އަންނަ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެން ނުބުނެވޭނެ ކަމަށާއި އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް އެފަދަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެމްޑީޕީގެ މަޖިލިސް 2019ގެ ކެމްޕޭން ސްޕޯކްސްޕާސަން، އަފްޝަން ލަތީފް "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަަމުން މިއަދު ވިދާޅުވީ، އެމްޑީޕީ ކެންޑިޑޭޓުން ނިކުންނަނީ އެޖެންޑާ19 ހިފައިގެން ކަމަށާއި ބޯހިޔާވަހިކަން ހައްގު ހުރިހާ ރައްޔިތުންނަށް އޭގެ ދަށުން ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ކަމަށެވެ.
"ރައީސް ސޯލިހުގެ ވައުދުފުޅެއް ބޯހިޔާވަހިކަން ލިބެން ޖެހޭ އެންމެނަށް އެކަން ކަށަވަރުކޮށްދިނުމަކީ. އެ ވައުދުފުޅު ތަންފީޒުކޮށްދޭން އެމްޑީޕީން އެ އޮތީ އެޖެންޑާ19 އެކުލަވައިލާފަ. މި ޕާޓީގެ ކެންޑިޑޭޓުން އެ ނިކުންނަނީ އެ އެޖެންޑާ ހިފައިގެން. އެހެންވީމަ އެ އެޖެންޑާގައި އޮތް އެއްޗެއް ކެންޑިޑޭޓުން ވިދާޅުވުމަކި ފަރުދީ ގޮތުން ބުނާ އެއްޗެއް ނޫން. އަދި އެއީ ކޮރަޕްޝަނުގެ އަމަލެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން." އަފްޝަން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ