އަޣުލަބިއްޔަތު ބޭނުންކުރާނީ ޒިންމާދާރު ކަމާއެކު: ރައީސް ނަޝީދު

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ރައްޔިތުން ދިން ސުޕަރ މެޖޯރިޓީ ބޭނުން ކުރައްވާނީ ޒިންމާދާރު ކަމާއެކުގައި ކަމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވަނީ މަޖިލީސް އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވައި އެދާއިރާގެ ގޮނޑި ކާމިޔާބު ކާމިޔާބު ކުރައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ ބޭނުންވާހާ އިސްލާޙުތަކެއް ޤާނޫނު އަސާސީއަށް ނުގެންނަވާނެ ކަމަށެވެ. އެފަދަ ކަމެއް ކުރައްވަންޖެހިވަޑައިގެންފި ކަމަށްވާނަމަ އެކަމުގެ ބަޙުސް މުޅިރާއްޖެއަށް ހުޅުވެޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަޅުގަނޑުމެންނަށް ލިބިފައިއޮތް އަޣުލަބިއްޔަތު ބޭނުންކުރާނީ ޒިންމާދާރު ގޮތުގައި. ބޭނުންހާ އިސްލާޙުތަކެއް ޤާނޫނުޢަސާސީއަށް ގެނެސް އެހެން ނުހަދާނެ. ޤާނޫނު ޢަސާސީއަށް އިސްލާޙު ގެނައުމުގެ ކުރިން އެކަމުގެ ބަޙުސް ހުޅުވެންޖެހޭނެ މުޅި ރާއްޖެއަށް. އެއީ ދަންވަރު ހައެއްކަ މީހުން ވެގެން ސޮއިކޮށްލައިގެން ކުރާކަމެއްނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ. ޤާނޫނޫއަސާސީއަށް އިސްލާޙު ގެނައުމަށްޓަކައި އެކިއެކި މަރުޙަލާތަކުގައި ބަޙުސް ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޤާނޫނޫ އަސާސީއަށް އިސްލާޙު ގެންނަ ކޮންމެފަހަރަކު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށް ޤާނޫނުއަސާސީގައި ބުނެފައި ނެތަސް އެކަން ކުރާ ކޮންމެފަހަރަކު ރައްޔިތުން އެކަމުގެ ތެރޭގައި ހިމަނަންވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހޯމަ ދުވަހުގެ ރޭ ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނުވަނޫ ޖުޑިޝަރީ އިސްލާޙު ކުރެއްވުމާބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ޖުޑިޝަރީ އިސްލާޙު ކުރުމަށް ބޭރުން ފަނޑިޔާރުން ރާއްޖެ ގެންނަން ނުޖެހޭ ކަމަށެވެ.
އިސްލާމީ ދައުލަތެއްގައި އެއް ޤާޒީ އަނެއް ޤާޒީއާ ތަފާތު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ޖުޑިޝަރީ އިސްލާޙު ކުރުމަށް ބޭރުން ފަނޑިޔާރުން ނުގެނެސް އެކަން ކުރެވޭނެ އެކަށީގެންވާ ފެންވަރުގެ ފަނޑިޔާރުން ރާއްޖޭގައި އެބަތިއްބެވި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ފަނޑިޔާރުގޭގައި ގޯސްކޮށް ކަންކަން ކުރައްވާ ބޭފުޅަކު ހުންނެވިޔަސް އެއްވެސް ކަމެއް ގޯސްކޮށް ވިޔަ ނުދިނުމުގެ ނިޒާމެއް އޮންނަންޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ވަކި ބަޔަކު ކަނޑައިލުމަށްފަހު ވަކި ބަޔަކު އައްޔަން ކުރެއްވުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކަންކަން އިސްލާޙު ކުރުމުގެ މަސައްކަތް ރައްޔިތުން އެމްޑީޕީއާ ޙަވާކުކުރައްވައި ކަމަށާއި އެޖެންޑާ 19 ގައި ހިމެނޭ ކަންކަން އެއްފަހަރާ ކުރެއްވުމަށް މަޖިލީހުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ