ޔާމީން ހައްޔަރުކުރި މައްސަލާގައި ރައީސްއާ ބައްދަލުކުރައްވައިފި

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ބޭފުޅުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ސޯލިހުއާ ބައްދަލުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި މަޝްވަރާ ކުރެއްވުމަށް ކަމަށެވެ.
"މިކަމާ ގުޅޭ އިތުރު ތަފްސީލުތައް އަޅުގަނޑުމެންގެ ޕްރެސް ކޮންފަރެންސެއްގައި ދޭނަން. އަޅުގަނޑުމެންނާއި ރައީސްއާ ބައްދަލުވި. ހުރިހާ ވާހަކައެއް ރައީސް އަށް ދެންނެވުނު. ރައީސް އަޅުގަނޑުމެންނަށް ވަރަށް ޕޮޒިޓިވް ޖަވާބުތަކެއް ދެއްވި" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއިރު، އެ އަމުރު ޔާމީންގެ ފަރާތްޕުޅުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.
މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ފުލުހުން ވަނީ ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލާގައި ޔާމީންގެ މައްޗަށް އަދި ދައުވާ ކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ