ރާއްޖެ ޓީވީ ބަންދު ކުރުުމަށް ޔާމީން ދުވަހަކުވެސް އަޅުގަނޑަށް އިރުޝާދެއް ނުދެއްވާ - ސޮފްވާން

ރާއްޖެ ޓީވީ ބަންދު ކުރުުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދުވަހަކުވެސް އޭނާއަށް އިރުޝާދުނުދެއްވާ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު އިސްމާއީލް ސޮފްވާން ވިދާޅުވެއްޖެއެވެ.
ސޮފްވާން މިހެން ވިދާޅުވީ، އެ ކޮމިޝަންގެ މެންބަރުން މިއަދު ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމުން އެ ކޮމިޝަންގެ މެންބަރުން ދެއްކެވި ވާހަކަަތަކާއި ގުޅިގެންނެވެ.
އެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، މިދިޔަ އަހަރު އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން ކުއްލި ހާލަތާއެކު ރާއްޖެ ޓީވީ ބަންދުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން އެންގެވި ކަމަށް ސޮފްވާން އޭނާ ގާތު ވިދާޅުވި ކަމަށެވެ.
އެއަށް ރައްދުދެއްވަމުން ސޮފްވާން މީސް މީޑިއާގައި ވިދާޅުވެފައި ވަނީ، ރާއްޖެ ޓީވީ ބަންދު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އޭނާއަށް ދުވަހަކުވެސް އިރުޝާދު ނުދެއްވާ ކަމަށެވެ.
"ރާއްޖެ ޓީވީ ބަންދުކުރުމަށް ރައީސް ޔާމީން އަޅުގަނޑަށް ދުވަހަކު ވެސް އިރުޝާދެއް ނުދެއްވާ" ސޮފްވާން ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު ރާއްޖެ ޓީވީ ބަންދުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން، ޑިފެންސް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވި އެވެ. ނަމަވެސް ރާއްޖެ ޓީވީ ބަންދުކުރަން ޑިފެންސް މިނިސްޓްރީ އިން މަސައްކަތެއް ނުކުރެއެވެ.
ރާއްޖެ ޓީވީ އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅު ޓީވީ ޗެނަލް އެކެވެ. ޔާމީންގެ ވެރިކަމުގައި ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ އެޗެނަލް ވަރަށް ގިނައިން ޖޫރިމަނާ ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ