ފައިސާ ނެތް ކުންފުންޏަކާ ހަވާލުކުރުމުން އެމްޓީސީސީ، އިމިގްރޭޝަން އަދި އެމްއެންޔޫގެ ހިޔާ ޕްރޮޖެކްޓް ހުއްޓުމަކަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީ އާއި އިމިގްރޭޝަން އަދި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މުވައްޒަފުންނަށް ފްލެޓް އަޅަން ހަވާލުކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ އާއި އެހެނިހެން ވަސީލަތްތައް ވެސް ނެތް ކުންފުންޏަކަށް ކަން ހާމަވެއްޖެ އެވެ.
"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން އެ ތިން ތަނުގެ ފްލެޓްތައް އެޅުމަށް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ އެމް/އެސް އާރުއައި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށެވެ. އަދި މިހާތަނަށް އެ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަމުން ދިޔައީ އެ ކުންފުނިން އިންޑިއާގެ އެމް/އެސް އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވަލަޕްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގެ ދަށުންނެވެ.
ނަމަވެސް ޖޮއިންޓް ވެންޗާގެ ދަށުން އިންޑިއާ ކުންފުނިން ކުރި އެއްވެސް މަސައްކަތަކަށް މިހާތަށް ފައިސާ ލިބިފައި ނުވާތީ މިހާރު އެ ކުންފުނިން ވަނީ އެ މަސައްކަތްތައް ހުއްޓާލާފަ އެވެ. އޭގެ އިތުރުން އެމްޓީސީސީ އާއި އިމިގްރޭޝަން އަދި އެމްއެންޔޫ އާއި ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީ ތަކަށް އިންޑިއާ ކުންފުނިން ވަނީ، އެމް/އެސް އާރުއައި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުން އެ ކުންފުންޏަށް އެއްވެސް ފައިސާ އެއް ދައްކާފައި ނުވާތީ އިތުރަށް އެ ކުންފުންޏަށް ފައިސާ ދޫނުކުރުމަށް އެދިފަ އެވެ.
އިންދިރާ ޕްރޮޖެކްޓްސް އިން އެކަމަށް އެދި ކަމާގުޅޭ ފަރާތްތަކަށް ސިޓީ އެއް ފޮނުވާފައިވާއިރު، އެ ސިޓީގައި ވަނީ ސިންގަޕޫރު ކުންފުނިން ވަރަށް ބޮޑަށް އެ ކުންފުންޏަށް ކަންތައްތައް އޮޅުވާލާފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އާރުއައި އިންޖިނިއަރިންގެ މާލީ ގާބިލުކަން ނެތް އިރު، ކުރިން ވެސް އެ ކުންފުނިން މިފަދަ ބޮޑެތި މައްސަލަތައް ހުރުމުން ބޭންކުތަކުން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ލޯނު ދޫކުރަން ވެސް ދެކޮޅު ހަދާ ކަމަށް އިންޑިއާ ކުންފުނިން ބުނެ އެވެ.
ގާބިލުކަމެއް ނެތް ކުންފުންޏަކަށް ބޮޑު ތިން ޕްރޮޖެކްޓެއް ދިން އިރު މިހާތަނަށް އެ ކުންފުންޏަށް ވަނީ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފަ އެވެ. އެގޮތުން "ސީއެންއެމް" އަށް ލިބިފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާރުއައި އިންޖިނިއަރިން އަށް މިހާތަނަށް ވަނީ ކަމާގުޅޭ ކުންފުނިތަކުން ޖުމްލަ ދެ މިލިޔަނަށް ވުރެ ގިނަ ޑޮލަރު ދޫކޮށްފަ އެވެ. ނަމަވެސް އެ އެއްވެސް ފައިސާ އެއް މަސައްކަތްތައް ކުރާ އިންޑިއާ ކުންފުންޏަށް މިހާތަނަށް ދީފައެއް ނުވެ އެވެ.
އިންދިރާ ޕްރޮޖެކްޓްސް އިން ބުނާގޮތުގައި މިހާތަނަށް އެ މަސައްކަތްތައް ކުރުމަށް އެ ކުންފުނިން މެޓީރިއަލް ގެނައުމަށް އެކަނި ވެސް ވަނީ ފަސް މިލިޔަނަށް ވުރެ ބޮޑު ހޭދައެއް ކޮށްފަ އެވެ. އަދި އެ ސައިޓުތަކުގެ މަސައްކަތަށް ވެސް ވަނީ މިލިޔަނަށް ވުރެ ގިނަ ޑޮލަރު ހަރަދުކޮށްފައި ކަމަށް އިންދިރާ ޕްރޮޖެކްޓްސް އިން ބުނެ އެވެ. އޭގެ އިތުރުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން އެތައް މިލިޔަން ޑޮލަރެއް އިންވެސްޓް ކޮށްފައިވާއިވާ ކަމަށް ވެސް އިންދިރާ ޕްރޮޖެކްޓްސް އިން ބުނެ އެވެ.
ސިންގަޕޫރު ކުންފުނިން މިހާތަނަށް އިންދިރާ ޕްރޮޖެކްޓްސް އަށް އެއްވެސް ފައިސާ އެއް ނުދައްކާއިރު، ޖޮއިންޓް ވެންޗާގެ ދަށުން މަސައްކަތް ކުރުމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ. އެގޮތުން އެ މައްސަލަތައް ހައްލު ކުރަން އިންދިރާ ޕްރޮޖެކްޓްސް އިން އެތައް މަސައްކަތެއް ކޮށް، މަޝްވަރާ ކޮށްގެން މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރި ނަމަވެސް އެކަމަށް ހައްލެއް ނުލިބުމުން ޖޮއިންޓްވެންޗާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
އޭގެ އިތުރުން އެ ކުންފުނިން ކުރި މަސައްކަތްތަކަށް ލިބެންޖެހޭ އުޖޫރަ ސިންގަޕޫރު ކުންފުނިން ނުދޭނަމަ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ކަމާގުޅޭ ފަރާތްތަކަށް އިންދިރާ ޕްރޮޖެކްޓްސް އިން ފޮނުވި ސިޓީގައި ބުނެ އެވެ.
އާރުއައި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުން އެ މަސައްކަތްތައް ކުރުމަށް ހަވާލުވީ އިރު ބުނެފައިވަނީ އެ ކުންފުންޏަކީ ރާއްޖޭގައި މަސައްކަތް ކުރުމަށް މޮބަލައިޒް ކޮށްފައިވާ ކުންފުންޏެއް ކަމުން ދޮޅު އަހަރު ނުވަތަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމާނެ ކަމަށެވެ. އެކަމަކު އެ ކުންފުނިން ހަވާލުވި މަސައްކަތްތައް ހުއްޓުނު އިރު، މިހާތަނަށް އެދެވޭ ގޮތަށް އެ މަސައްކަތްތައް ކުރިއަށް ގޮސްފައި ނުވާ ކަމަށް ވެއެވެ.
ފްލެޓް އެޅުމުގެ މަސައްކަތްތައް އެދެވޭ ގޮތަކަށް ނުކުރެވި އަދި މިހާރު އެއްކޮށް ހުއްޓުމަކަށް އައިސްފައިވާއިރު، އެ ޕްރޮޖެކްޓްގެ ފްލެޓް ގަތުމަށް އެ ތަންތަނުގެ ގިނަ މުވައްޒަފުން ފައިސާ ދައްކާފައިވާ ކަމަށް ވެއެވެ. އެގޮތުން އެ ތަންތަނުން "ސީއެންއެމް" އަށް ވާހަކަ ދެއްކި ބައެއް މުވައްޒަފުން ވެސް ވަނީ އެހެން ކުންފުނިތަކުގެ ފްލެޓްތަކުގެ މަސައްކަތާ އަޅާ ބަލާއިރު މަސައްކަތް ވަރަށް ބޮޑަށް ލަސްކަން ފާހަގަކޮށް، ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ