ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ތައްޔާރުކޮށްފައިވާ ގާނޫނީ އިސްލާހް އެޖެންޑާ19 ކަށަވަރުކޮށްދެނީ ގޯއްޗެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އެޖެންޑާ19 ކެމްޕޭން ޕޯސްޓަރުޖެހުން އިފްތިތާހް ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމަށް ރާއްޖޭގައި ހާއްސަކޮށް މާލޭގައި ބޮޑު ހަރަދެއް ކުރަން ޖެހިފައި އޮތުމަކީ ހަމައެކަނި މިޖީލަށް އޮތް މައްސަލައެއް ނޫން ކަމަށެވެ.
"ދެން މާލޭގައި ގޯތިތައް ބެހޭނެ ގޮތެއް ނެތް. ބަހަމުން ބަހަމުން ގޮސް މާމައިން ކޮޅުފިލާ ގޮނޑިވެސް ބަހާ ނިމިއްޖެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލޭ ގެއެއްގައި ދިގުދެމިލައިގެން މީހަކަށް ނިދާލެވޭނެ ތަންކޮޅެއް ނެތް ކަމަށާއި، ނިދަން ޖެހިފައިވެސް އޮތީ ދަންފަޅި ބަހައިގެން ކަމަށެވެ.
"ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅެމުން އަންނަ ދިރިއުޅުމަކީ ގަދަރުވެރި ދިރިއުޅުމެއް ނޫން. އޭގެން ނިކުންނާނެ ރަނގަޅެއް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިކަމަށް ހައްލު ހޯދުމަށް "އެޖެންޑާ 19 ކަށަވަރުކޮށްދެނީ ބޯހިޔާވަހިކަން. ގޯއްޗެއް. ގޯއްޗެއް." ކަމަށެވެ.
އެޖެންޑާ19 އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އޭގައި ހިމެނެނީ ރައްޔިތުންނަށް މި ވަގުތައް ދަތިވެފައި އޮތް 19 ހިދުމަތެއް ހޯދުމަށް ފަސޭހަކުރެވޭނެ ގޮތް ކަމަށެވެ. އަދި އެޖެންޑާ19 އެކުލަވާލީ އެމްޑީޕީއަށް ވޭތުވެދިޔަ 15 އަހަރު ލިބުނު ތަޖުރިބާއާއެކުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެޖެންޑާ 19 ކަށަވަރުކޮށްދެނީ ގޯއްޗެއް: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ