އަމާނާ ތަކާފުލްގެ ބޯނަސް ހިއްސާގެ ފައިދާ އޮތީ ކޮން ބަޔަކަށް؟

އަމާނާ ތަކާފުލް މޯލްޑިވްސް އަކީ ދިވެހިންނަށް އާ ކުންފުންޏެކެވެ. އިސްލާމީ ޝަރީއާ އެއްގޮތަށް އިންޝުއަރެންސްގެ ހިދުމަތް ދޭ އަމާނާ ތަކާފުލް މޯލްޑިވްސް އިން މިދިޔަ އަންގާރަ ދުވަހު ވަނީ، ދިވެހިންނާއި ބިދޭސީންނަށް ވެސް ގަނެވޭ ގޮތަށް އެ ކުންފުނީގެ އަށް ލައްކަ ހިއްސާ އާންމުކޮށް ވިއްކަން ހުޅުވާލައިފަ އެވެ. އަމާނާ ތަކާފުލް އިން ނެރެފައިވާ ހިއްސާގެ ބަޔާނުގައިވާ ގޮތުން މޫނުމަތީ އަގު 1.3ރ. ގެ ހިއްސާއެއް ވިއްކާނީ 18.70ރ. ގެ ޕްރިމިއަމް (އިތުރަން ނަގާ) އަކާ އެކު 20ރ. ގެ ރޭޓުންނެވެ. ހިއްސާގެ ބަޔާނުގައިވާ ގޮތުން ހިއްސާ ވިއްކައިގެން ލިބޭ ފައިސާ ހޭދަކުރެވޭނީ އިސްލާމީ ޝަރީއާ ހުއްދަކުރާ ކުންފުނިތަކުގެ ހިއްސާގައި އިންވެސްޓް ކުރުމަށާއި ރަނާއި އަދި ދީނީ ގޮތުން ހުއްދަކުރާ އެހެން ވިޔަފާރިތަކުގަ އެވެ. އަދި ހިއްސާ ވިއްކައިގެން ޕްރިމިއަމްގެ ގޮތުގައި (ހިއްސާގެ މޫނުމަތީ އަގުގެ އިތުރަށް) ލިބޭ ފައިސާ އެއްކޮށް ހަރަދުކުރެވޭނީ ބޯނަސް ހިއްސާ ދޫކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ. މިފަހަރު ވިއްކަން ހުޅުވާލި ހުރިހާ ހިއްސާއެއް އެއްކޮށް ވިކިއްޖެ ނަމަ، ޕްރިމިއަމްގެ ގޮތުގައި ޖުމްލަ 14.96 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަމާނާ ތަކާފުލް އިން ބުނީ ޖުމްލަ ދޫކުރާ ބޯނަސް ހިއްސާގެ އަދަދަކަށް ވާނީ ހިއްސާގެ މޫނުމަތީ އަގު ( 1.3ރ.)، ޕްރިމިއަމްގެ ގޮތުގައި ލިބޭ ޖުމްލަ އަދަދުން ޖެހޭ އަދަދެކެވެ. އެހެންކަމުން ހުރިހާ ހިއްސާއެއް ވިކިއްޖެ ނަމަ ޖުމްލަ 11.5 މިލިއަން ބޯނަސް ހިއްސާ ނުވަތަ ކޮންމެ ހިއްސާއަކަށް މަދުވެގެން 14 ބޯނަސް ހިއްސާ ދޫކުރެވޭނެ އެވެ. އަމާނާ ތަކާފުލް މޯލްޑިވްސް އިން ބޯނަސް ހިއްސާ ދޫކުރަން ނިންމާފައިވާ ގޮތާ މެދު ބައެއް ފަރާތަކުން ވަނީ ސުވާލުތަކެއް އުފައްދައިފަ އެވެ. ބޮޑު ޕްރިމިއަމްއަކާ އެކު އަމާނާ ތަކާފުލްގެ ހިއްސާ ގަނެގެން، އޭގެ ހަގީގީ ފައިދާ ކުރާނީ ކޮން ބަޔަކަށް ކަމާ މެދު ސުވާލު އުފައްދަ އެވެ. އަމާނާ ތަކާފުލް މޯލްޑިވްސްގެ ސީއީއޯ އަދި ޖެނެރަލް މެނޭޖަރު ހަރީޒް ސުލައިމާނު ވިދާޅުވީ ބޯނަސް ހިއްސާ ދޫކުރުމަށް ޑިރެކްޓަރުން ނިންމީ ފާއިތުވެދިޔަ އަހަރުތަކުގައި ކުންފުނީގައި ތިބި ހިއްސާދާރުންގެ އަގު ވަޒަންކޮށް އެމީހުންނަށް އެއްޗެއް ދިނުމުގެ ގޮތުންނާއި އަދި އަލަށް ހިއްސާ ގަންނަ ފަރާތްތަކަށް ވެސް އިތުރު ހިއްސާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށެވެ. "މިކަމާ އެންމެ ފުރަތަމަ ކުރިމަތިލައިގެން މި ހިސާބަށް ކުންފުނި ގެނެސް ދިން ހިއްސާދާރުންނަށް އެއްޗެއް ދިނުމަކީ މުހިންމު ކަމެއް. ހަމަ އެގޮތަށް އެމީހުންނަށް ބޯނަސް ހިއްސާ ދޭއިރު، އަލަށް ހިއްސާ ގަންނަ މީހުންނަށް ވެސް ހިއްސާގެ ނިސްބަތުން ހަމަހަމަކޮށް ބޯނަސް ހިއްސާ ދޫކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. ހިއްސާ ދޫކުރަން ނިންމާފައިވާ ކަމާއި ހިއްސާ ދޫކުރަން ނިންމާފައިވާ ގޮތް ހިއްސާގެ ބަޔާނުގައި ސާފުކޮށް ބަޔާންކޮށްފައި ވަނީ އެކަމުގައި އެއްވެސް ފޮރުވުމެއް ބާއްވަން ބޭނުން ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ހިއްސާދާރުން ބޭނުން ނަމަ، ހިއްސާ ވިއްކުމަށް ފަހުގައި ވެސް ބޯނަސް ހިއްސާ ދޫކުރެވިދާނެ. އެކަމަކު ހިއްސާ ގަންނަ އިރު ވެސް އެކަން އެނގިފައި އޮންނަން ބޭނުންވާތީ ހިއްސާގެ ބަޔާނުގައި އެވާހަކަ ސާފުކޮށް ބުނެފައި އެވަނީ،" ހަރީޒް ވިދާޅުވި އެވެ. ރަސްމީކޮށް 2005 ގައި ރަޖިސްޓްރީ ކުރި އަމާނާ ތަކާފުލް މޯލްޑިވްސް އަކީ އަމާނާ ގްލޯބަލް ޕްރައިވެޓް، ސްރީ ލަންކާ (އޭޖީއެލް) ގެ ސަބްސިޑީ ކުންފުންޏެކެވެ. އޭޖީއެލް އަކީ އަމާނާ ތަކާފުލް (އޭޓީއެލް) ގެ ފުރިހަމަ މިލްކެކެވެ. އޭޓީއެލް އަކީ ލަންކާގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކޮށްފައިވާ ކުންފުންޏެކެވެ. އަމާނާ ތަކާފުލް މޯލްޑިވްސްގެ 60.7 ޕަސެންޓް ހިއްސާ ވަނީ އޭޖީއެލް އިންނެވެ. އަދި 25 ޕަސެންޓް ހިއްސާ ވަނީ އެކްސްޕޯ ލަންކާ ގްރޫޕް އިންނެވެ. ބާކީ ހިއްސާތައް ބެހިފައިވަނީ މަދު އަދަދެއްގެ އާންމު ބައެއް މީހުންގެ މެދުގަ އެވެ. މިފަހަރު ވިއްކާ ހުރިހާ ހިއްސާއެއް ވިކިއްޖެ ނަމަވެސް، އެ ހިއްސާތައް ގަންނަ ފަރާތްތަކުން ކޮންޓްރޯލް ކުރާނީ އެންމެ 9.1 ޕަސެންޓް ހިއްސާ އެވެ. ބައެއް ގާނޫނީ ވަކީލުން ފާހަގަކުރާ ގޮތުގައި އަމާނާ ތަކާފުލްގެ ބޯނަސް ހިއްސާގެ ފައިދާ ދިވެހިންނަށް ވުރެ ބޮޑަށް ހުރިހާ ގޮތަކުން ވެސް އޮތީ މިހާރު ވެސް އެ ކުންފުނީގައި ތިބި ބިދޭސީ ހިއްސާދާރުންނަށެވެ. އަދި އެގޮތަށް ބޯނަސް ހިއްސާ ދިނުމަކީ ހުއްދަ ކަމަކަށް ވިއަސް، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް ގާނޫނީ ވަކީލުން ބުނެ އެވެ. "ބޯނަސް ހިއްސާ މި ދޫކުރަނީ، ރާއްޖޭގެ އިގްތިސާދު މި ހާލަތުގައި އޮއްވާ ދިވެހިންގެ އަތުން ނެގޭ ފައިސާ އިން. ދޫކުރާ ބޯނަސް ހިއްސާގެ 90 ޕަސެންޓް މިދަނީ ބޭރު މީހުންގެ އަތަށް. ކުންފުންޏަށް ލިބޭ ފައިދާގެ 90 ޕަސެންޓް ވެސް ދާނީ ބޭރަށް،" ނޫހުގައި ނަން ހާމަކުރަން އުޒުރުވެރިވެވަޑައިގަންނަވާ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ. ހިއްސާގެ ވިޔަފާރީގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ބޯނަސް ހިއްސާ ދޫކުރަނީ ޕްރިމިއަމް އިން ކަމަށް ހިއްސާގެ ބަޔާނުގައި ބުނެފައިވާއިރު، ބޯނަސް ހިއްސާ ދޫކުރެވެނީ އޮޅުވާލުމެއްގެ ތެރެއަކުން ނޫނެވެ. އޭނާ ވިދާޅުވީ ކުންފުނީގެ ހިއްސާ ގަންނާނީ ހިއްސާގެ ބަޔާން ބެލުމަށް ފަހު އަމިއްލަ އިޚުތިޔާރުގައި ކަމަށްވާއިރު، އަމާނާ ތަކާފުލްގެ ނިންމުމުގައި ގޯހެއް ނެތް ކަމަށެވެ. "ހިއްސާ ގަންނަ މީހާ ހިއްސާ ގަންނަނީ އެމީހާއަށް އެކަން އެނގި ހުރެ އެގޮތަށް އެއްބަސް ވެގެން. އަމާނާ ތަކާފުލް އިން ހުރިހާ ހިއްސާދާރުންނަށް ވެސް ހަމަހަމަ އުސޫލަކުން ބޯނަސް ހިއްސާ ދޫކުރަން ނިންމާފައިވާއިރު، އެއީ އެމީހެއްގެ ހިއްސާގެ ނިސްބަތަށް ބަދަލު އަންނާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. ބައެއް ގާނޫނީ ވަކީލުން ބުނާ ގޮތުގައި އަމާނާ ތަކާފުލް އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައި އޮތް ކުންފުންޏަކަށް ވި ނަމަވެސް، ބިދޭސީންގެ ހިއްސާ އަކީ ދިވެހިންގެ އެއްޗަކަށް ނުވާނެ އެވެ. "އެންމެ ބޮޑު ދެރަ އަކީ ދިވެހިންގެ އަތުން ނަގާ ފައިސާ އިން ބޭރު މީހުންނަށް އިތުރަށް ހިއްސާ ދޫކުރާކަން. ރާއްޖޭގައި ކުންފުނި އޮތަސް އެމީހުން ހިއްސާ ވިއްކާލާ ހިސާބުން އެ ހުރިހާ ފައިސާއެއް ދާނީ ބޭރަށް،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ. "ކުންފުނީގެ އެއްވެސް ހަރު މުދަލެއް ނެތް. ބޭރުގެ ކުންފުންޏަކަށް ވިއަސް ކެޕިޓަލް މި ހޯދަނީ ރާއްޖެ އިން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ