ޖުމެއިރާ ވިތަވެލި: އާއިލީ ތަފާތު މަންޒިލެއް!

ދުބާއީގައި ހުންނަ މަޝްހޫރު ބުރުޖް އަލް އަރަބް ހޮޓާ ހިންގާ ޖުމެއިރާ ގްރޫޕުން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓު "ޖުމެއިރާ ވިތަވެލި" (ކުރީގެ ކ. ބޮލިފުށި) ރާއްޖޭގެ އެހެން ރިސޯޓްތަކާ ވަރަށް ތަފާތެވެ. އިބްރާހިމް ނާސިރު އެއާޕޯޓުން 20 މިނެޓުން ދޯންޏެއްގައި ދެވޭ ވިތަވެލި ތައްޔާރުކޮށްފައި ވަނީ ބޮޑެތި އާއިލާތަކުން އެމީހުންގެ ދަރިން ގޮވައިން އައިސް ޗުއްޓީ ހޭދަކުރާ އައިލީ މަންޒިލެއްގެ ގޮތުގަ އެވެ. "މިތަނުން ދޭ ޚިދުމަތްތައް ރަނގަޅުވީމަ ކުދިން މަންމަ އާއި ބައްޕަ ކައިރީ ރޯނެ ވިތަވެއްޔަށް އަންނަން. އޭރުން ބެލެނިވެރިންނަށް މަޖުބޫރުވާނެ މިރަށަށް އަންނަން. ރާއްޖޭ އަންނަ ގިނަ ޓޫރިސްޓުންނަކީ ތިން ހަތަރު ބުރަށް އަންނަ ބައެއް،" ޖުމެއިރާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ މެނޭޖަރު ސްޓެފަން އޯ ހިއުމާ ރަށުގައި ހުރެ ވިދާޅުވި އެވެ. ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ މި ރިސޯޓުގައި ކުޑަ ކުދިންނަށް ހާއްސަކޮށް ވަރަށް ގިނަ ޚިދުމަތްތަކެއް ވަނީ ފަރުމާކޮށްފަ އެވެ. އޭގެ ތެރޭގައި ކުޑަ ކުދިންނަށް ހާއްސަ ޕޫލްތަކާއި ކްލަބްތައް ހިމެނެ އެވެ. މިއީ ރާއްޖޭގެ އެހެން ރިސޯޓްތަކުން ފެންނަ މަންޒަރެއް ނޫނެވެ. ވިތަވެލީގައި ކުޑަ ކުދިންނަށް ހާއްސަ ދެ ކްލަބެއް ހުންނަ އިރު އެއް ކްލަބް ހުންނަނީ ދެ އަހަރުން ފެށިގެން 12 އަހަރުގެ ކުދިންނަށް ޚާއްސަކޮށްފަ އެވެ. އަދި ދެވަނަ ތަން ފަރުމާކޮށްފައި ވަނީ ފުރާވަރަށް އަރާ ކުދިންނަށް ޚާއްސަ ކޮށެވެ. މިތަނަށް ދާ ކުދިންނަށް ކާންދިނުމާއި އެ ކުދިން ބެލުމުގެ ޒިންމާތައް އުފުލާނެ މުވައްޒަފުން އަބަދުވެސް ތިބޭނެ ކަމަށް ޖުމެއިރާ އިން ބުނެ އެވެ. "ކްލަބްތަކުގައި ކުދިންނަށް ޓްރެޝަރު ހަންޓާއި ވޯޓަ ސްޕޯޓްސްގެ ކުޅިވަރުތަކާއި އެޑިއުކޭޝަނަލް ކުޅިވަރުތައް ހުންނާނެ. އަދި ކުޑަކުދިންނަށް ޓީޝާޓްގައި ކުރެހުމާއި އެ ކުދިން ބޭނުންވާނެ ގިނަ ޚިދުމަތްތަކެއް ހުންނާނެ،" ވިތަވެލީގެ ސްޓާފަކު ބުންޏެވެ. ވިތަވެއްޔަކީ އާއިލީ ރަށެއް ކަމުން ކުދިންނަށާއި އާއިލާގެ ސަލާމަތީ ކަންކަމަށް ޖުމެއިރާ އިން ވަރަށް ބޮޑަށް ވަނީ ވިސްނާފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ލައިފް ގާޑުން ބައިތިއްބަން ވަނީ ހަމަޖައްސައިފަ އެވެ. ވިތަވެލީގެ ގިނަ ކޮޓަރިތައް ތައްޔާރުކޮށްފައި ވަނީ ރާއްޖޭގެ ސަގާފަތް އެކުލެވޭ ގޮތަށް، ކުޑަ ވަރެއްގެ ގެއެއް ސިފަވާ ގޮތަކަށެވެ. އަދި ކޮޓަރި ހުންނަ ސަރަހައްދު ވެސް އާދައިގެ ރިސޯޓެއްގެ ކޮޓަރިތަކަށް ވުރެ ތިން ގުނަ ބޮޑެވެ. ބީޗް ވިލާތަކުގައި ކޮންމެ ކޮޓަރިއަކަށް ހާއްސަ ބީޗް ސަރަހައްދެއް އޮތުމުން ރަށަށް އަންނަ މީހުންނަށް "އަމިއްލަ މިނިވަންކަން" ލިބޭނެ ކަމަށް ޖުމެއިރާ އިން ދެކެ އެވެ. ވިތަވެލީގައި މިހާރު ހަދަމުންދާ ތަންތަނުގެ ތެރޭގައި ބީޗް ވިލާ 36 ކޮޓަރި، ބީޗް ސުއިޓްގެ އަށް ކޮޓަރި، ލެގޫން ވިލާ 39 ކޮޓަރީގެ އިތުރުން ޕްރެސިޑެންޓަލް ސުއިޓެއް ހިމެނެ އެވެ. ޕްރެސިޑެންޓަލް ސުއިޓް ވަނީ ރަށާ މުޅިން އެކަހެރިކޮށް ވަކިން ފަޅުތެރޭގަ އެވެ. އެތަނަށް ދާން ޖެހެނީ ދުއްވާ އެއްޗެއްގަ އެވެ. މިތަން ހާއްސަކޮށްފައި މަތީ ފަންތީގެ ފަރާތްތަކަށާއި ވީއައިޕީންނަށެވެ. ވިތަވެލީގެ އިމާރާތްތަކުގެ 90 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށް ދަނީ ފިނިޝިންގެ ކަންތައްތަކެވެ. "ހުޅުވުމަށް 300 ސްޓާފުން ބޭނުންވޭ. އެހެންވީމަ އަޅުގަނޑުމެން ވަރަށް އަވަހަށް ސްޓާފުން ނަގާނަން،" ސްޓެފަން ވިދާޅުވި އެވެ. ޖުމެއިރާގެ ރިސޯޓުގައި މުވައްޒަފުން އުޅޭ ސަރަހައްދު ވެސް ވަރަށް ތަފާތެވެ. އެގޮތުން ވިތަވެލީގައި މުވައްޒަފުންނަށް ސުއިމިން ޕޫލެއް ހަދާފައިވެ އެވެ. ކޮޓަރިތައް ތައްޔާރުކޮށްފައި ހުންނާނީ ދެ މީހަކަށް ކޮޓަރިއެއްގެ އުސޫލުން ކަމަށް ވެސް ޖުމެއިރާ އިން ބުނެ އެވެ. "ސްޓާފުންގެ ކެންޓީނު ހުންނާނީ އެންމެނަށް އެއްކޮށް ކެވޭ ގޮތަށް. މެނޭޖަރު ވެސް ބަންގުލަދޭޝް މީހާ ވެސް އަދި ދިވެހި މީހާ ވެސް ކާނީ އެތަނުގައި. އަޅުގަނޑުމެން ބޭނުމެއް ނޫން ވަކިން މެނޭޖްމަންޓް މުވައްޒަފުންނަށް ކެންޓީނު ބަހައްޓާކަށް،" ސްޓެފަން ވިދާޅުވި އެވެ. ކެއްކުމަށް ބޭނުންވާ ތަރުކާރީގެ ބައެއް ބާވަތްތައް ރިސޯޓްގައި ހެއްދުމަށް ވެސް ޖުމެއިރާ އިން ވަނީ ބާރުއަޅާފަ އެވެ. އެގޮތުން މިހާރު ވެސް އެ ރަށުގައި ތަރުކާރީގެ ބައެއް ބާވަތްތައް ވަނީ ހައްދަން ފަށާފަ އެވެ. ޖުމެއިރާ އިން ބުނީ ޑިސެމްބަރު މަހު ވިތަވެލި ހުޅުވާ އިރު މިހާރު ގއ. ގައި އޮތް އެ ކުންފުނީގެ ރިސޯޓް ދެވަނަފުށްޓަށް ލިބުނު ފަދަ މަޝްހޫރު ކަމެއް ހޯދިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ