އެމްޑީޕީގެ އިސް ވެރިން އުޅުއްވާ ގެކޮޅުތައް ދޮށަށް އެއްވާ ނަމަ ޑީއާރުޕީގެ ޒައީމުންގެ ގެކޮޅުތައް ދޮށަށް ވެސް އެއްވާނެ ކަމަށް އެމްޑީޕީން ބުނެފި

އެމްޑީޕީގެ އިސްވެރިން ދިރިއުޅުއްވާ ގެކޮޅުތައް ދޮށަށް ޑީއާރުޕީން އެއްވާ ނަމަ އެމްޑީޕީން ވެސް ޑީއާރުޕީގެ ޒައީމުންގެ ގެކޮޅުތައް ދޮށަށް އެއްވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ އާންމު ޖަލްސާގައި އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި އެ ޕާޓީގެ ޗެއާ ޕާސަންގެ ގެ ކޮޅުދޮށަށް ބަޔަކު އެއްވާއިރު އެމްޑީޕީ އަށް ވެސް މަޑުން ނުތިބޭނެ ކަމަށެވެ."މި ޕާޓީގެ ޗެއާ ޕާސަން މާރިޔާ ދީދީގެ ގޭދޮށަށް ގޮސް ބަޔަކު ހަޅޭލަވާއިރުގައި އަޅުގަނޑުމެންނަކަށް ޑީއާރުޕީގެ ޒައީމުން ދޫކޮށްލާފައި ތިބެވޭކަށެއް ވެސް ނެތް." މޫސާ މަނިކު ވިދާޅުވި އެވެ.ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރު ދޮށަށް ބަޔަކު އެއްވާ ނަމަ އެ ބަޔަކު ދުރުކުރަން އެމްޑީޕީން ދާނެކަމަށް ވެސް މޫސާ މަނިކު ވިދާޅުވި އެވެ.މޫސާ މަނިކު ވިދާޅުވީ "ރައީސުލްޖުމްހޫރިއްޔާ ގޭ ދޮށަށް ގޮސް ބަޔަކު ހަޅޭއްލަވާކަށް މީގެފަހުން ދުލެއް ނުކުރެވޭނެ" ކަމަށެވެ."އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަށާއި އެ މަނިކުފާނުގެ އާއިލާ އަށް ރޭގަނޑުގެ ނިދި ނަގާލައި ޖެއްސުން ކުރާކަށް މީގެ ފަހުން އަޅުގަނޑުމެންނެއް ދުލެއް ނުކުރާނަން. އަޅުގަނޑުމެން އެފަދަ ބަޔަކު އެތަނުން ދުރު ކުރާނަން." މޫސާ ވިދާޅުވި އެވެ.އެމްޑީޕީގެ ރޭގެ ޖަލްސާގައި އާންމު އުސޫލުން މީޑިއާ އަށް ވެސް މޫސާ މަނިކު ފާޑު ވިދާޅުވެފައިވެ އެވެ."ޤާނުނު އަސާސީގައި މީޑިއާ އަށް ދީފައިވާ ބާރަކީ ކޮންމެހެން ފޮތްބޮނޑި ހިފައިގެން ޓެލެވިޒަން މޯޑިވިސް އާއި ދިވެހިރާއްޖޭގެ އަޑު އަތުލަން އަރުވާޖަހައިގެން ދުވުމެއް ނޫން. އެއީ އަދީ މީޑިއާ ޒިންމާ ދާރުވުމެއް ނޫން. މީޑިއާ ކަމުގައި އަޅުގަނޑުމެން ބަލަނީ ޒިންމާދާރު ކަމާ އެކު ހަބަރުތައް ފަތުރާ މީހުން. ދޭދޭ މީހުން ޖައްސަން ޤައުމުތަކުގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން އުޅޭ މީހުންނަށް އަޅުގަނޑުމެން މީޑިއާއެކޭ ނުކިޔަން."ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވަކިހިސާބަކުން ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ މީޑިއާ ބޭރު ކުރުމަށް ފަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ