ދައުލަތުގެ މީޑިއާ އިން އިދިކޮޅު ފަރާތްތަކުގެ ބަސް ނުގެނެސްދޭ މައްސަލާގައި ޔާމީން އެމްއެންބީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ

14:30އިދިކޮޅު ފަރާތްތަކުގެ ބަސް ނުގެނެސްދޭނެ ކަމަށް އެމްއެންބީސީން ބުނާއިރު އެއީ ސަރުކާރު ހިންގާ އެމްޑީޕީން ފައިސާ ދީގެން ހިންގާ ކުންފުންޏެއް ނޫން ކަމަށް ވިދާޅުވެ، މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެމްއެންބީސީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަމުގެ ތުހުމަތުގައި މި މަހުގެ 15 ވަނަ ދުވަހު ރެއާ ހަމައަށް ގޭ ބަންދުކުރައްވާފައިވާ ޕީއޭގެ ރައީސް ޔާމީން މިހެން ވިދާޅުވީ، އެ މައްސާލާގައި އެބޭފުޅާގެ ދިރިއުޅުއްވާ ގެ ފުލުހުން ބަލައި ފާސްކުރުމާ ގުޅިގެން ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގަ އެވެ.ޔާމީން ވިދާޅުވީ، އެމްއެންބީސީގެ ބޯޑު މެމްބަރުންނަށް މުސާރަ ދެއްވަނީ ރައީސް ނަޝީދުގެ ގެ، ކެނެރީގެއިން ނޫން ކަމަށާއި ޓީވީއެމް އަކީ އެމްޑީޕީގެ ސްޓޭޝަނެއް ނޫންކަން ކުންފުނީގެ ބޯޑު މެމްބަރުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި އެ ކުންފުންޏަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ މީޑިއާ ކަމަށްވާއިރު އިދިކޮޅު ފަރާތްތަކުގެ ބަސް ނުގެނެސްދޭނެ ކަމަށް އެމްއެންބީސީގެ މެނޭޖިންގް ޑައިރެކްޓަރަށް ވެސް އަދި ބޯޑު މެމްބަރުންނަށް ވެސް ނުނިންމެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެން ނަމަވެސް، އެމްއެންބީސީގެ ބޯޑުން ވަނީ ކަނޑައެޅިގެން އިދިކޮޅު ފަރާތްތަކުގެ ބަސް ނުގެނެސްދޭނެ ނިންމާފައި ކަމަށާއި އެ ކަމުގެ ސަބަބުން އެ ބޯޑުގެ މެމްބަރުންގެ ނަން މިހާރުވެސް އެމްއެންބީސީގެ ރެގިއުލޭޓަރީ ބޮޑީއަށް ހުށަހަޅާއިފިނަމަ އެ ބޭފުޅުން ބޯޑުގައި ތިއްބަވަން ޝަރުތު ހަމަނުވާނެކަން އެނގިގެންދާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި، އެމްއެންބީސީގެ މި ނިންމުމުން ދޭހަވަނީ އެ ކުންފުނިން މިނިވަން މީޑިއާއެއް ގެންދިއުމަށް ދެކޮޅުހަދާފައިވާކަން ކަމުގައި ޔާމީން ވިދާޅުވި އެވެ. އަދި އެއީ ބިރުން ފޯވެފައިވާ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މީޑިއާގެ އަޑު ކަނޑުވާލުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ޔާމީން ތުހުމަތުކުރެއްވި އެވެ.ނަމަވެސް ޔާމީންގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން އެމްއެންބީސީގެ މެނޭޖިންގް ޑައިރެކްޓަރ އިބްރާހިމް ޚަލީލް މިއަދު ވިދާޅުވީ، އެ ކުންފުނީގެ ބޯޑުން އިދިކޮޅު ފަރާތްތަކުގެ އަޑު އެއްކިބާކުރުމަށް ނިންމާފައިނުވާނެ ކަމަށެވެ. އަދި މިހާތަނަށްވެސް އިދިކޮޅު އެއްވެސް ފަރާތަކުން ޓީވީއެމްގެ އެއާޓައިމް ބޭނުންވެގެން ހުށަހަޅާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ޚަލީލް ވިދާޅުވި އެވެ.ޚަލީލް އިތުރަށް ވިދާޅުވީ، ކެބިނެޓު އިސްތިއުފާދިނުމުގެ ހާދިސާއާއެކު އެމްއެންބީސީން ނިންމީ ދައުލަތުގެ ތިން ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހަށާއި، އަދުލު އިންސާފުގެ ބާރުގެ އިތުރުން ސަރުކާރަށް އެއާޓައިމް ދިނުމަށް އިސްކަމެއް ދިނުމަށް ކަމަށެވެ. އަދި ގައުމީ މަސްލަހަތަށް ވިސްނައިގެން ކަންތައް ކުރުމަށް ނިންމާފައިވާ މި ދަނޑިވަޅުގައި އަމިއްލަ މަސްލަހަތު އިސްކުރައްވާ ފަރާތްތަކުގެ ވާހަކަ އެއްކިބާވެދާނެ ވާހަކަ ދުވަހު ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ވާހަކަ ޚަލީލް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް، އެއީ އިދިކޮޅު ފަރާތްތަކުގެ އަޑު އެއްކިބާކުރުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ނޫންކަން ފާހަގަކުރައްވާ ޚަލީލް ވިދާޅުވީ، ޓީވީއެމްގެ ރޭގެ ޚަބަރުން ވެސް ޔާމީންގެ އިންޓަވިއުއެއް ގެނެސްދީފައިވާ ކަމަށެވެ. އެހެންކަމުން، ޔާމީން އެ ދައްކަވާ ވާހަކަތަކުގައި ހަޤީގަތެއްވަނީ ކިހާވަރަކަށްތޯ އެނގިވަޑައިނުގަންނަވާ ކަމަށް ޚަލީލް ވިދާޅުވި އެވެ.ޚަލީލްގެ ވާހަކަތައް ދޮގުކުރައްވާ ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރ އަލީ ސޯލިހު މިއަދު ވިދާޅުވީ، ޓީވީއެމްގެ އެއާ ޓައިމް ހޯދުމަށް ރަސްމީކޮށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް އަދިވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި އެޕާޓީން ދައްކަން ބޭނުންވާ ގައުމު ބައިބައިކުރާ ވާހަކަ ނޫން ކަމަށާއި މިއަދު ގައުމުގެ ހާލަތު އޮތް ގޮތުގެ ވާހަކަ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ވިންދާއެކު އަމާން ރާއްޖެއަކަށް ދިއުމާ ގުޅޭ ވާހަކަ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ