އަޅުގަނޑު ނިކުތީ ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް - ޔާމީން

އިދިކޮޅު ފަރާތްތަކުން ދައްކާވާހަކައިގެ އެއްވެސް ހަރުދަނާކަމެއް ނުވަތަ ސާބިތުކަމެއް ނޯންނާނެ ކަމަށާއި ނިކުމެވަޑައިގަތީ ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޔަގީން ޓީމުގެ ފަރާތުން ޔާމީނަށް ތާއީދު ހޯދުމަށް އައްޑޫ ސިޓީ ހިތަދޫގެ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކައްދަކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ވެސް ލީޑަރުކަން ކުރައްވާ ޔާމީން ވިދާޅުވީ ވަރަށް ގިނަ ތުހުމަތުތަކެއް އޭނާ އާއި ދޭތެރޭގައި އަމާޒުވެގެން ދިޔަ ނަމަވެސް އެވާހަކަތަކަށް އެއްވެސް ރައްދެއް ދޭން ބޭނުންނުވާ ކަމަށެވެ.
"އަޅުގަނޑާއި ދޭތެރޭގައި ވަރަށް ގިނަ ތުހުމަތުތަކެއް އަމާޒުވެގެން އެބައާދޭ އެހެންނަމަވެސް ތިބޭފުޅުންގެ ހިދުމަތުގައި ހުރި ބޭފުޅެއްގެ ގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވޭ ހަމަ ތިބޭފުޅުން އިތުބާރު އަޅުގަނޑުމެންނަށް ކުރެއްވުމަށްޓަކައި އަޅުގަނޑު ދަންނަވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ ތިދައްކަވާ އެއްވެސް ވާހަކައެއްގެ ހަރުދަނާ ކަމެއް ސާބިތުކަމެއް ނޯންނާނެއޭ، އަޅުގަނޑުމީ ވަރަށް އިހްލާސްތެރިކަމާއިއެކީގައި ހިދުމަތަށް ނިކުމެ ހުރި މީހެއް،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބަދުވެސް މަސައްކަތްކުރައްވަން ޖެހޭނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އަޅުއްވާދެއްވާފައިވާ ފައުންޑޭޝަންގެ މަތީގައި ކަމަށާއި ޔަގީން ޓީމުގެ ފަރާތުން ކުރައްވާ މަސައްކަތްތައް އަބަދުވެސް ކުރައްވާނީ ސުލްހަވެރިކަމާއިއެކުގައި ކަމަށެވެ.
ޔަގީން ޓީމުން މިކުރާ މަސައްކަތްތަކަކީ ވަރަށް އިހްލާސްތެރި މަސައްކަތްތަކެއް ކަމަށާއި ޔަގީން ޓީމަކީ ވަރަށް ގާބިލު ޓީމެއް ކަމަށް ވެސް ޔާމީން މިރޭ ވިދާޅުވި އެވެ. އަދި އެޓީމުން ނުފެންނަ ފަރާތްތައް ވެސް ޔަގީން ޓީމާއި އެކު މަސައްކަތްކުރައްވާނެކަމުގެ އިޝާރާތައް ވެސް ލިބެމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކޮން ފަރާތްތަކެއް ކަމެއް ޔާމީން ރޭ ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑުމެން ކުރާ މަސައްކަތެއް ކުރާނީ ރައްޔިތުންނަށް ވިސްނާދީގެން، އެހެންވީމަ ތިބޭފުޅުން އަރިހަށް އައިސް ހުއްޓި އަޅުގަނޑަށް ވޯޓެއް ދެއްވާށޭ މިދަންނަވަނީ އިހްލާސްތެރި ހިތަކާއިއެކީގައި ތިބޭފުޅުން އަރިހަށް އައީމަ، އަދި ޕާޓީގެ މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެން އަޒުމު މިކަނޑައަޅަނީ" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އޭނާއަށް ދެއްވައިފި ނަމަ ރިޔާސީ އިންތިހާބަށް ދާއިރު ޔަގީން ޓީމުން އަޒުމު ކަނޑައަޅާފައި އޮތީ ރަށް ރަށަށް މިކުރާ ދަތުރުތައް މިއަށްވުރެން މުރާލި ކަމާޢި ހީވާގި ކަމާއިއެކީގައި ކުރަން ކަމަށާއި އެކަން އެޓީމުން ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ޔަގީން ޓީމުގެ އަމާޒަކަށްވާނީ މިހާރު ޕީޕީއެމްގައި ތިބި 31،000 މެންބަރުންގެ އަދަދު 60،000 މެންބަރުންނަށް މަތިކުރުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ދިވެހި ރާއްޖޭގައި މިހާރު އޮތް އެންމެ ވަރުގަދަ ޕާޓީއަކީ ޕީޕީއެމް ކަމަށާއި މިއަށްވުރެން ބޮޑަށް ޕީޕީއެމް ވަރުގަދަ ކުރުމަށް އޭނާ އަށް މިފުރުސަތު ދިނުން ކީއްވާނެތޯ ސުވާލުކުރައްވާފައެވެ. ޔާމީން ޖަލްސާގައި ވަނީ ހިތަދޫގެ ރައްޔިތުންނާއި ކައިރި ރަށްރަށުން ޖަލްސާއަށް ވަޑައިގެން ތިއްބެވި މީހުން އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑުމެން މިކުރަނީ ތިބޭފުޅުންގެ ހައްގުގައި ކުރާ މަސައްކަތްތަކެއް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެންމެ ބޮޑު ބައިވެރިންނަކީ އަޅުގަނޑުމެންގެ ރަށް ރަށުގައި ތިއްބަވާ އަޅުގަނޑުމެންގެ ޕާޓީގެ އިހްލާސްތެރި މެންބަރުން، އެޕާޓީ ވަރުގަދަކުރައްވާ ބަދަހިކުރައްވާ އަދި މި އިންތިހާބަކީ ކުރިއަށް އޮތް ފަސް އަހަރަކީ އަޅުގަނޑުމެންގެ ޕާޓީ ދައުލަތަށް ރައްޔިތުންނަށް އަޅުގަނޑުމެން މިދަންނަވާ ކަހަލަ ކުރިއެރުން ގެނެސްދޭން މަސައްކަތްކުރާ ޕާޓީއެއް ކަމަށްވަންޏާ އަޅުގަނޑުމެންނަށް އެފުރުސަތު ދިނުން ކީއްތޯއޭ،" ޔާމީން ވިދާޅުވި އެވެ.
ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ޔާމީން ކެމްޕެއިން ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެ އެވެ. އަދި މި ޖަލްސާގައި ހޯމް މިނިސްޓަރު މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ