ކޮރޯނާގެ ބިރު!: މީސްތަކުންގެ އަމަލުތައް ނުބައިވެއްޖެ ނަމަ އަޖަލު އައިސް އަރާހަމަކުރާނެ ކަމުގެ އިންޒާރު ﷲ ވަނީ ދެއްވަވާފަ!

އެންމެންގެ ދޫތަކުންވެސް ދެއްކެނީ ކޮރޯނާ ކިޔާ ވައިރަސްއެއް އައިސް އެ ވައިރަސްގެ ސަބަބުން ގިނަ ބައަކު ބަލިވެ އެއިގެ ތެރެއިން އެއްބައަކު ގަދަވެ އަނެއް ބައަކު މަރުވަމުންދާ ވާހަކައެވެ. ކޮރޯނާގެ ހުރި ބިރުވެރިކަމުގެ ނުރައްކައުތެރިކަން ބޮޑުކަމުގެ ވާހަކައެވެ. ލިބެމުންދާ ގެއްލުން ބޮޑުކަމުގެ ވާހަކައެވެ. ދުނިޔޭގެ އެންމެ މުއްސަނދި، އެންމެ ބާރުގަދަ ޤައުމުތަކަށް ގޮތް ހުސްވަމުންދާ ވާހަކައެވެ. 
ވީމާ ކަންބޮޑުވުން ހާމަކުރާ މީހުންނަށް އަހަރެން މިބަޔާން ކުރަނީ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ބައެއް އާޔަތްތަކެވެ. 
(ވިދާޅުވަމުންނެވެ.) ތިއަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި ތިއަބައިމީހުން، އެކަލާނގެއަށް ތަޤްވާ ވެރިވާށެވެ! އަދި ތިއަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ! 
(އޭރުން) އެކަލާނގެ، ތިއަބައިމީހުންގެ ފާފަތައް ތިއަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިއަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، ﷲ ކަނޑައަޅުއްވާފައިވާ އަޖަލު އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެތެވެ. ތިއަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ."(ނޫޙް: 3 ،4) 
ފުރަތަމަ ބަޔާން މިކުރި އާޔަތުގައި އެވަނީ މީސްތަކުންގެ ކިބައިން ﷲ ތަޢާލާ އެދިވޮޑިގަންނަވާ ގޮތެވެ! މީސްތަކުން އަމަލުކުރަން ﷲ ތަޢާލާ އަނގްވާފައިވާ ގޮތެވެ! އެއީ ﷲ އަށް އަޅުކަންކުރުމާއި ( ﷲ ނޫން ފަރާތަކަށް އަޅުކަން ނުކުރުމާއި) އަދި އެކަލާނގެއަށް ތަޤްވާ ވެރިވުމާއި އަދި ﷲ އަށް ކިޔަމަންވުމެވެ. 
ސުވާލަކީ ދުނިޔޭގައި މިއަދު މިތިބަ މީހުން އަމަލުކުރަނީ އެގޮތަށް ހެއްޔެވެ؟ 
ދެވަނަ އާޔަތުގައި ފުރަތަމަ އެވަނީ އެގޮތަށް އެކަންކަން ކުރުމުން ދެއްވަވާނެ ނިޢްމަތްތަކެވެ. "(އޭރުން) އެކަލާނގެ، ތިއަބައިމީހުންގެ ފާފަތައް ތިއަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިއަބައިމީހުން ފަސްކުރައްވާނެތެވެ. 
ދެން އެވަނީ އެކަންކަން އެގޮތަށް ނުކޮށް ޣާފިލުވެގެން ތިބޭނަމަ މެދުވެރި ކުރައްވާނެ ޙާލަތެވެ!
"ހަމަކަށަވަރުން، ﷲ ކަނޑައަޅުއްވާފައިވާ އަޖަލު އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެތެވެ." 
ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކުން ކޮރޯނާ ތިމަންމެންނާއި ދިމާއަށް ނުއަންނާނެ ކަމަށް ބަލައި އަތްއުރާލައިގެން ތިއްބެވެ! އެފަދަ ޤައުމުތަކުގެ މިއަދުގެ ޙާލަތަށް ބެލުމުން ﷲ ތަޢާލާގެ ވަހީ ބަސްފުޅުގެ ތެދުކަން އެނގިގެންދާނެއެވެ. 
އަދިވެސް ވަގުތު އެބައޮތެވެ! މި ބަޔާންކުރި ފަދައިން ﷲ ގެ ވަހީ ބަސްފުޅުތަކަށް ބޯލަނބާށެވެ! ކިޔަމަންތެރިކަން އަދާކުރާށެވެ! އަޖަލު އަންނާނީ ހަމައެކަނި ކޮރޯނާ ޖެހުމަކުން ނޫނެވެ. ގަދަވެ ސަލާމަތުން ހުއްޓައި ނަމަވެސް މަރު އައިސް ބައްދަލުކޮށްފިނަމަ އެއޮތީ އަޖަލު އައިސް ޖެހިފައެވެ. ބިރުވެތިވާންވީ މަރަށެވެ! މަރުވާނެތީއެވެ! 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ