ސެމީގެ ދެވަނަ ޖާގަ މުލަކު އެކުވެރި ކްލަބް ހޯދައިފި

އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޒޯން ފަހެއްގެ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް، މުލަކު އެކުވެރި ކްލަބް މުބާރާތުގެ ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފި އެވެ.
އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މުލަކު އެކުވެރި ކްލަބާ ދެކޮޅަށް ވާދަކުރީ މާއެނބޫދޫ މުޑި ޖަމިއްޔާ އެވެ. އެ މެޗު މުލަކު އެކުވެރި ކްލަބް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި މުލަކު ޓީމަށް ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކުރެވުނީ މެޗުގެ ދެވަނަ ހާފް ފެށިތާ ކުޑައިރުކޮޅެއް ތެރޭގަ އެވެ. އެ ލަނޑާ އެކު މުލަކު ޓީމަށް މެޗުގެ ތިން ޕޮއިންޓް ލިބިފައިވާ އިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އެ ޓީމްގެ އިބްރާހިމް ފިރާގެވެ.
ޒޯން ފަހެއްގެ މުބާރާތަށް މާއެނބޫދޫ މުޑި ޖަމިއްޔާ ދަތުރުކޮށްފައި ވަނީ ދ. އަތޮޅު ގައި ބޭއްވި އަތޮޅު މުބާރާތުގެ ޗެންޕިއަންކަން ހޯދައިގެނެވެ. އަދި މުލަކު އެކުވެރި ކްލަބް އެ މުބާރާތުން ޖާގަ ހޯދާފައި ވަނީ މ. އަތޮޅު މުބާރާތުގެ ޗެންޕިއަންކަން ހޯދައިގެނެވެ. މުލަކު ޓީމް މިހާރު މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކޮށްފައިވާ އިރު، މާއެނބޫދޫ ޓީމަށް ދެން އެ މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު އޮތީ މާދަމާ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށް އެ ޓީމް ކުޅެން ހަމަޖެހިފައިވާ މެޗު ކާމިޔާބު ކޮށްގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ