ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށަ އެޅިއްޖެ: ރައީސް ނަޝީދު

ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށަ އެޅިއްޖެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަަޝީދު ވިދާޅުވެއްޖެ އެވެ. ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލްގައިވާ ކަންކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލްތަކަށް ބޮޑު ބަޖެޓެއް ދެވި ކައުންސިލްތައް ބާރު ކުރެވިއްޖެ ކަމަށެވެ. ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރެވުނު އިރު، ކައުންސިލަރުންގެ އަދަދު އިތުރުކުރެވިއްޖެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ރަށްރަށުގެ ކައުންސިލްތަކުގެ ދައުރު އިތުރުކޮށް ރަށްރަށުގެ ބިމުގެ މިލްކުވެރިކަން އެރަށްރަށަށް ދެވިފައިވާތީ އެކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވައިފަ އެވެ. "ރަށްރަށުގެ އިހްތިސާސްތައް ކަނޑައެޅިއްޖެ. ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށައެޅިއްޖެ." ރައީސް ނަޝީދު ވިދާޅުވި އެވެ. ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ ގާނޫނު މިހާރު ވަނީ ފާސްކޮށްފަ އެވެ. އެގޮތުން އަލަށް ގެނައި ބަދަލުގެ ދަށުން އާބާދީގައި 3000 މީހުންނަށް ވުރެ މަދު ނޫން ރަށްރަށަށް ފަސް ކައުންސިލަރުން އަދި 3000 އަށް ވުރެ އިތުރުނަމަ ހަތް ކައުންސިލަރުން ތިބޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އޭގެ ތެރެއިން 3000 ހަމަ ނުވާ ރަށްރަށުގައި ތިބޭ ފަސް ކައުންސިލަރުންގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހޭއިރު 3000 އަށް ވުރެ އާބާދީ އިތުރުވާ ރަށްރަށުގައި ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެެހެ އެވެ. އާބާދީގައި 3000 މީހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުގައި ފަސް ކައުންސިލަރުން އަދި އޭގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަން ވަނީ ގާނޫނަށް ބަދަލުގެނެސްފަ އެވެ. އަދި އާބާދީގައި 3000 ކައުންސިލަރުންނަށްވުރެ ގިނަ ވާނަމަ އެރަށެއްހައި ހަތް ކައުންސިލަރުން އަދި އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެ އެވެ. މިހާރު ފާސްކުރި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވާގޮތުން ކޮންމެ ކައުންސިލެއްގެވެސް 33 ޕަސެންޓް އަންހެނުންނަށް ދޭން ޖެހޭނެ އެވެ. ލޯކްލަ ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ކައުންސިލަރުން، ކައުންސިލުގެ ރައީސުން ނުވަތަ މޭޔަރުން ވަކިކުރެވޭ ގޮތަށްވެސް ކުރިން އިސްލާހެއް ހުށަހެޅި އެވެ. ނަމަވަސް ފަހުން އާ ގާނޫނު ފާސްކުރިއިރު ފާސްކުރީ އެގޮތަށް ވަކިނުކުރެވޭގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ