ޖެނެރަލް ސުލައިމާނީގެ މަރާއެކު އީރާންގެ ރައްޔިތުން މަގުތަކަށް

އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކެއްގައި އީރާނުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު، ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އީރާންގެ ރައްޔިތުން މަގުތަކަށް ނިކުމެ އެމެރިކާއާއި ދެކޮޅަށް އަޑުއުފުލަން ފަށައިފި އެވެ.
ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލާފައި ވަނީ އިރާގަށް ވަޑައިގެން އުޅުއްވަނިކޮށެވެ. މިއީ އެމެރިކާގެ ރައީސް ޓްރަންޕްގެ ސީދާ އެންގެވުމުގެ ދަށުން ދިން ހަމަލާއެއް ކަމަށްވީއިރު، ހިތި ގޮތަކަށް އެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އީރާންގެ އެކި ސަރަހައްދުތަކުގައި ވަރުގަދަ އެއްވުންތަކެއް ވަނީ ފެށިފައެވެ. އެތައް ހާސް ބަޔަކާއެކު ކުރިއަށްދާ އެއްވުންތަކުގައި އެމެރިކާއަށް ރުޅިވެރި ކަމުގެ ބަސްތައް ދަނީ ރައްދު ކުރަމުންނެވެ. އަދި އެމެރިކާގެ ކިބައިން ވަރުގަދަ ބަދަލު ހިފުމަކަށް އެ ރައްޔިތުން ދަނީ ގޮވާލަމުންނެވެ.
އީރާނުގެ ގުދުސް ލަޝްކަރުގެ އިސް ކޮމާންޑަރު އަވަހާރަކޮށްލުމާއި ގުޅިގެން އީރާނުގެ ރޫހީ ލީޑަރު ވިދާޅުވީ އެއީ އެމެރިކާއިން ހެދި ބޮޑު ގޯހެއް ކަމަށެވެ. އެއީ ފާޅުގައި ހަނގުރާމަ އިއުލާނު ކުރުން ފަދަ ކަމެއްގެ ގޮތުގައި ހާމަނާއީ ސިފަ ކުރެއްވިއެވެ.
ހާމަނާއީ ވިދާޅުވީ ރިހުން އެކުލެވޭ ވޭންދެނިވި ރައްދެއް އެމެރިކާއަށް ދޭނެ ކަމަށެވެ.
ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން ގުދުސް ލަޝްކަރުގެ އިސް ކޮމާންޑަރަކަށް ބްރިގޭޑިއާ ޖެނެރަލް އިސްމާއިލް ގާނީ މިއަދު ވަނީ އައްޔަން ކުރައްވާފައެވެ. އެއީ ކުރިން އެ ލަޝްކަރުގެ ދެވަނަ އެންމެ އިސް ކޮމާންޑަރެވެ.
ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އީރާންގައި ވަނީ ގައުމީ ހިތާމަ އިއުލާނު ކުރައްވާފައެވެ. އަދި ހިތާމައިގެ ތިން ދުވަސް އިއުލާނު ކުރައްވާ ރައްޔިތުން ކެތްތެރިވެ ތިބުމަށް އީރާން ސަރުކާރުން ވަނީ ގޮވާލާފައެވެ.
މަގުތަކަށް ނިކުމެ އެމެރިކާއާ ދެކޮޅަށް އަޑުއުުފަލުންދާ މީހުން ތިބީ ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެކަމުގެ ހިތާމާގައި ކަޅު ހެދުން ލައިގެންނެވެ. އެ އެއްވުންތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އާންމުން ބުނަމުންދާއިރު، އެމެރިކާއާއި އީރާންގެ މެދުގައި އޮތް ޒަމާންވީ ހަތުރުވެރިކަމާއި ރުޅިވެރިކަން އިތުރު ހަރުފަތަކަށް ދާނެ ހާދިސާއަކަށް މި ހާދިސާ ވެގެންދާނެ އެވެ.
ޖެނެރަލް ގާސިމް ސުލައިމާނީއަކީ އެމެރިކާއަށް އެންމެ ގިނައިން ފާޑުވިދާޅުވާ އެކަކެވެ. ހަނގުރާމައިގެ އުކުޅުތަކަށް ވަރަށް ފަރިތަ އަދި ޖެހިލުން ކުޑަ ސުލައިމާނީ އެންމެ ފަހު ވަގުތާއި ހަމައަށްވެސް ގެންދެވީ އެމެރިކާއަށް ވަރުގަދައަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
އިރާންގެ ރައްޔިތުންގެ މެދުގައިވެސް ވަރަށް މަގުބޫލް ޖެނެރަލް ގާސިމް ސުލައިމާނީގެ މަރާއި ގުޅިގެން އިރާންގައި ތިބި އެމެރިކާގެ ރައްޔިތުންނަށް ނުރައްކާތެރިކަން ބޮޑުވެ އެ ގައުމުން ދަނީ ފުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ