އެމްޑީއެންގެ ރިޕޯޓްގައި ނުރަނގަޅު ކަންތައްތަކެއް އެބަހުރި: ނަޝީދު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓްގައި މައްސަލަތަކެއް ހުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން އެއްބަސްވެވަޑައިގެންފި އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް އެމަނިކުފާނު ކިޔާފައިވާ ކަމަށާއި ރިޕޯޓްގައި "ނުރަނގަޅުކޮށް ކަންކަން ހުރިކަން" ފާހަގަކުރެވިފައިވާ ކަމަށެވެ. އެއިން އެއް ކަމަކީ މާތްﷲ އާއި ކީރިތި ރަސޫލާއާއި ގުޅޭގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެސްފައި ހުރުން ކަމުގައިވެސް ވިދާޅުވި އެވެ.
"އެއީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސްކުރައްވާ ނުކުތާތަކެއް ކަމަށެވެ. އެފަދަ ކަންކަމަށް އާންމު މީހުން ވާހަކަ ދެއްކުން ރަނގަޅު ނުވާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.
އެމްޑީއެން އިން ކީރިތި ޤުރުއާނަށް ހަޖޫޖަހާ، ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާ މައްސަލައިގައި އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ރިޕޯޓްގައި މައްސަަލައެއް ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ނުވާތީ އެތައް ބަޔަކު ދިޔައީ އެކަން ފާހަގަކުރަމުންނެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ގެންދަނީ ބަލަމުންނެވެ. އެމްޑީއެން އަކީ މަދަނީ ޖަމިއްޔާ އަކަށް ވާތީ މިމައްސަލައިގައި އެ ޖަމިއްޔާ އުވާލުވުމަށްވެސް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ