ދީނުގެ ނަމުގައި މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށްދާން ދޫކޮށްލުމަކީ ބޮޑު ގޯހެއް: ނަޝީދު

ދީނުގެ ނަމުގައި މުޅި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށްދާން ދޫކޮށްލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ލިޔެ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގައި، އެ ޖަމިއްޔާ އުވާލުން ލަސްކުރަމުންދާތީ ގިނަ ބަޔަކު މީސް މީޑިއާގައި ސަރުކާރަށާއި ކަމާ ގުޅުންހުރި ފަރާތްތަކަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހުން މަރާށާއި އަނިޔާވެރިކަމަށް ގޮވައިލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނަށާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މަރުގެ އިންޒާރުދީ ޕޯސްޓަރުތަކެއް ސޯޝަލް މީޑިއާގައިދަނީ ދައުރުވަމުންނެވެ. އަދި ސީޕީ ހަމީދަށް މަރުގެ އިންޒާރުތަކެއްދިން މައްސަލައެއް ފުލުހުން ވެސް ދަނީ ބަލަމުންނެވެ.
މީހުން މަރާށާއި އަނިޔާވެރިކަމަށް ގޮވައިލާ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއިރު، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނާޅާތީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތަށް ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި ކުރު މެސެޖެއްގައި ކަމަށްވެއެވެ.
ނަމަވެސް އެމްޑީޕީގެ ލީޑާޝިޕްގެ އެއްވެސް މެމްބަރަކު ފޯނަށް ޖަވާބު ނުދެއްވާތީ، އެފަދަ ވާހަކައެއް ނަޝީދު ވިދާޅުވިކަން ވަނީ ކަށަވަރު ނުކުރެވިފައެވެ. އަދި ނަޝީދު އެފަދައިން ވިދާޅުވެ ފާޅުގައި އެއްޗެއް ވެސް ވިދާޅުވެފައެއް ނުވެއެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވެސް ބުނީ، އެ ރިޕޯޓުގެ ބޭނުން ނަހަމަގޮތުގައިކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންކަން ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަ ފެތުރުމާއި ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް އަމަލުކުރަމުންދާތީ ކަންބޮޑުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ