ގިނަ މީހުންގެ ޕެންޝަން އެކައުންޓުގައި ފައިސާ ހުރީ އެއްލައްކައަށްވުރެ ދަށުގައި

ގިނަ މީހުންގެ ޕެންޝަން އެކައުންޓުގައި ފައިސާ ހުރީ އެއްލައްކަ ރުފިޔާ އަށް ވުރެ ދަށުގައި ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާޠިމަތު ސުޖާތާ ޙަލީމް ވިދާޅުވީ ޕެންޝަން ފަންޑުގައި މިހާތަނަށް 154،385 މީހުން ބައިވެރިވެފައިވާ ކަމަށާއި މީގެތެރެއިން 19 ޕަސެންޓް މީހުންގެ ޕެންޝަން އެކައުންޓްގައި ފައިސާ ހުރީ 10،000 ރުފިޔާއިން ދަށުގައި ކަމަށެވެ.
އަދި ރަނގަޅު އަދަދަކަށް ޕެންޝަން އެކައުންޓުގައި ފައިސާ ހުރީ މަދު އަދަދެއްގެ މީހުންގެ ކަމަށާއި 50 ޕަސެންޓް މީހުންގެ ފަންޑުގައި ފައިސާހުރީ 1 ލައްކަ ރުފިޔާއާއަށްވުރެ ދަށުގައި ކަމަށްވެސް ސުޖާތާ ވިދާޅުވިއެވެ.
ނަމަވެސް ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ މީހުންގެ އުމުރުފުރާ އަށް ބަލާއިރު 50 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ 45 އަހަރުން ދަށުގެ މީހުން ކަމަށާއި އެހެންކަމުން އެކައުންޓުގައި ހުރި ފައިސާ އިންވެސްޓްކޮށްގެން ރަނގަޅު ރިޓަޔާމެންޓް ފައިދާއެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޕެންޝަން ނިޒާމް އެކުލަވާލެވިފައިމިވަނީ 7 ޕަސެންޓަކީ ހަމަ އެބޭފުޅޭއްގެ އިންކަމް ރިޕްލޭސްކުރެވޭނެވަރު. މީގެއިން އެހެން ކަންތައް ކުރަން ވިސްނައިފިނަމަ ރަނގަޅު ޕެންޝަން އާމްދަނީއެއް ނުލިބޭނެ. ނަމަވެސް އޭގެ މައްޗަށް އިތުރު ކޮންޓްރިބިއުޝަނެއް ލައިގެން އެހެން ކަންތައްތަކަށް ސޭވްކުރުމަކީ ހަމަ ކުރެވިދާނެ ކަމެއް. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ހަމަ ކުރަމުން ވެސް އަންނަކަމެއް އެއީ. ޕެންޝަނަށް މިކުރާ ކޮންޓްރިބިއުޝަނުން އެގޮތަށް ފައިސާ ނެގުމަކީ އެހާ ރަނގަޅު ގޮތަކަށް ނުވާނެ" ސުޖާތާ ވިދާޅުވިއެވެ.
މީގެއިތުރުން ސުޖާތާ ވަނީ ޕެންޝަން ފަންޑްގެ އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ ދިރާސާ ވޯލްޑް ބޭންކާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި މި މަސައްކަތް ނިމުމުން ޕެންޝަން ފަންޑުން އިތުރަށް އިންވެސްޓްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ޕެންޝަން ފަންޑުގެ ބައިވެރިން ޑިސެބިލިޓީ އިންޝިއުރެންސް ސްކީމެއް އިންޝުއަރ ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި މި ސްކީމްގެ ދަށުން ވަޒީފާ އަދާކުރަމުން ދަނިކޮށް ދިމާވާ ނުކުޅެދުންތެރިކަމުގެ ހާލަތުގައި މާލީ އެހީތެރިކަން ލިބޭނެގޮތް ހަމަޖެހިގެންދާނެކަމަށް ސުޖާތާ ވިދާޅުވިއެވެ.
މީގެއިތުރުން މަސްވެރިންނާއި ދަނޑުވެރިންނަށް ވެސް ހާއްސަ ޕެންޝަން ސްކީމެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ