ޖިންސީ ގޯނާގެ ތުހުމަތުވާ ދެ މީހުން ދޫކޮށްލީ މެމްބަރެއްގެ ނުފޫޒަކުން ނޫން: ނަޝީދު

ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ދެ މީހުން ދޫކޮށްލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނުފޫޒުން ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ފުލުހުން ދޫކޮށްލި މައްސަލަ ހޫނުވެ، ގިނަ ފާޑުކިޔުންތަކެއް ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އެކަމުގައި ސިޔާސީ ފަރާތްތަކެއްގެ ނުފޫޒު އޮތް ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒުވަމުން ދާއިރު، އެކަމާ ގުޅިގެން މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް މިއަދު ހުށަހަޅައިފަ އެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެ ދެ މީހުން ދޫކޮށްލީ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާތީ ކަމަށް ވާދަވެރި ޕާޓީތަކުން ތުހުމަތު ކުރަމުންދާ ކަމަށެވެ. އެކަމަކު އެ މީހުން ދޫކޮށްލީ އެ މީހުން ބަންދުގައި ބައިތިއްބަން ފުލުހުންނަށް ނުފެންނާތީ ކަމަށް ފުލުހުން ބުނާ ކަމަށާއި އެހެންވެ، އެކަމުގައި މެމްބަރެއްގެ ނުފޫޒެއް އޮޮތް ކަމަށް ރައްޔިތުން ނުދެކުމަށް ނަޝީދު އެދިވަޑައިގަތެވެ.
"މި މަޖިލީހުގެ މެމްބަރެއްގެ ބާރާއި ނުފޫޒުން ހައްޔަރުގައި ނެތުން ކަމަށް އެއްގޮތަކަށް ވެސް އެއްވެސް ރައްޔިތަކު ދެކެވަޑައިނުގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.
ނުފޫޒު ފޯރުވި ކަމަށް ޕާޓީތަކުން ތުހުމަތު ކުރަނީ ކޮން މެމްބަރަކަށް ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ.
ނަޝީދު ވިދާޅުވީ ޚާއްސަކޮށް، ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި ފުލުހުން ކުރާ ތަހުގީގުތަކުގައި މެމްބަރުން ނުފޫޒު ފޯރުވައި ނުވަތަ މައުލޫމާތު ހޯދަން މެމްބަރުން މަސައްކަތް ނުކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމަކަށް މަޖިލީހުގެ ރިޔާސަތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ މަޖިލީހުުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވެސް ބަލަން ނިންމައި، މިއަދު މެންދުރު އެ ދެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެކަމަކު ޖެންޑާ ކޮމެޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އެ ކޮމެޓީގައި މިއަދު ބައިވެރި ވަޑައެއްނުގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ