އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ދަނީ ޚިލާފުވަމުން، ފިޔަވަޅު އަޅާނަން - ފުލުހުން

މިފަހަކަށް އައިސް މާލޭގައި ބާއްވާ އެއްވުންތަކުގައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފު ބައެއް ކަންކަން ހިންގަމުންދާ ކަމަށާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ މިއަދު އެއިދާރާއިން ނެރުނު ނޫސްބަޔާނެއްގައެވެ. އެއްވެއުޅުމުގެ ޤާނޫނާއު އަދި އެޤާނޫނަށް ގެނެވުނު އިޞްލާހުގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާ ޚިޔާލު ފާޅުކުރުމުގެ އިމުން ބޭރުން، އެއްވުން މަނާ ސަރަޙައްދުތަކަށް އެއްވުމާއި، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި، އަދި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދުބުރު ބޭއްވުންފަދަ ކަންކަން އިންތިޒާމްކޮށްގެން ބާއްވަމުންދާ ކަމަށާއި އެފަދަ ބައެއް އެއްވުންތަކުގައި ޤާނޫނުން މަނާކަންކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ. އަދި ޤާނޫނުގައި ބަޔާންކުރާފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ އެއްވުންތައް ކުއްލި ނޯޓިސް ދިނުމެއްނެތި ބާއްވާކަމަށްވެސް ވެއެވެ. ޞުލްޙަވެރިކަމާއެކު ބާއްވާ އެއްވުންތަކަުގެ ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ވަރަށް އިސްކަން ދޭ ކަމަށާއި ސުލްޙަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުން ލިބިދޭ މިނިވަންކަން ޤާނޫނީ އިމުގެ ތެރެއިން ކުރުމަށް އެއްވުން އިންތިޒާމްކުރާ ފަރާތްތަކަށާއި އެއްވުމުގައި ބައިވެރިވާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށްވެސް ބުނެފައިވެއެވެ. ޤާނޫނާ ޚިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުޞަތު ނުދޭނެ ކަމަށާއި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ. ފުލުހުން މިމޭރުމުން ނޫސްބަޔާން ނެރެފައިވަނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ނުކުމެ އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ކުރިމަތީ އެއްވުމެއް ބާއްވާފައިވަނިކޮށް ފުލުހުން މިއަދު ވަނީ އެ އޮފީސް ކުރިމަތީގައި އެއްވެ ނުތިބެވޭނެ ކަމަށް އެ ޕާޓީއަށް އެންގުމަށް ފަހު އެ ސަރަހައްދުގައި ޓޭޕް ދަމާފައެވެ. 
މިލިޔުން ކިޔާލުމުން
50 %
އުފާވި
0 %
ދެރަވި
50 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ