ފަތުރުވެރިންނަށް ޙިދުމަތް ދިނުމުގެ ޙުއްދަ 109 ސަފާރީއަކަށް ދީފި

ފަތުރުވެރިންނަށް ޙިދުމަތް ދިނުމުގެ ޙުއްދަ 109 ސަފާރީއަކަށް ދީފައިވާކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.
ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވާއިރު ސަފާރީތައް އޮޕަރޭޓްކުރުމުގެ ހުއްދަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ. ނަމަވެސް ހުއްދަ ދެނީ ގައިޑްލައިންތަކަށް ފެތޭ ސަފާރީތަކަށެވެ.
ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވިދާޅުވީ ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ މިހާތަނަށް 109 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވާކަމަށެވެ.
ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑެކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭނެއް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަދެނީ މިހުރިހާ ކަންކަމަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޙުއްދަ ނުލިބެނީސް އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ޙިދުމަތްދީގެން ނުވާނެކަމަށާއި ސަފާރީ ބޯޓުތަކުގެ ކުރޫންނާއި ފަތުރުވެރިން މީހުންއުޅޭ ރަށްރަށަށް ނޭރުމަށްވެސް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 16405 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ސަފާރީތަކާއި ރިސޯޓްތައް މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު އަންނަ މަހު އަތޮޅުތަކުގެ ގެސްޓްހައުސްތައްވެސް ފަތުރުވެރިންނަށް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ