ވަކިވަކި މެންބަރުންނަށް އަމާޒުކޮށްގެން ފުލުހުން ރެއިޑް ކުރަން އުޅޭ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ރައްޔިތުން މަޖިލީހުގެ ވަކިވަކި މެންބަރުންނަށް އަމާޒުކޮށްގެން ފުލުހުން އެ މެންބަރުން ދިރިއުޅުއްވާ ގެކޮޅުތައް ރެއިޑް ކުރަން އުޅޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަން ކުރުމަށް ވިސްނާފައި ވަނީ ފުލުހުންގެ ތެރެއިން މަދު ކުދިން ކޮޅެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައި މިވަނީ ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ ހިދުމަތުގެ މުޅިން އާ ބިލެއްގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި ކަމަށެވެ. އަދި އެ ބިލު ފާސްވުމުން ފުލުހުންގެ މުއައްސަސާ އަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މެންބަރުންނަށް އަމާޒުކޮށްގެން ރެއިޑް ކުރުމަށް ފުލުހުން އުޅެނީ ފުލުހުންގެ ބިލު ފާސްކޮށް ފުލުހުންގެ މުއައްސަސާ އަށް ގިނަ ރަނގަޅު އިސްލާހުތަކެއް އަންނާނެތީ އެކަމާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށްވާ ނަމަ އެކަން އެގޮތަށް ނުކުރުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
"ވަކިން ހާއްސަކޮށް ގޮސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ޗެކްކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގެ ބަލާފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އެވެނިކަމެއް މިވެނިކަމެއް ކުރަން އެ ވިސްނުމުގަ އެއްވެސް ފުލުހެއް ނުހުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ޒިންމާ އޮތީ އެމްއެންޑީއެފްގެ އަތުގައި ކަމަށާއި އެބޭފުޅުންގެ ޒިންމާ އަދާ ކުރާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުންތަކަކަށް އަމާޒުކޮށް ފުލުހުން ރެއިޑް ކުރަން އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ފުލުހުންގެ މުއައްސަސާ އަކީ ވަރަށް ދެރަވަރުގެ ތަނެއްގެ ގޮތުގައިވެސް ބައެއް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ