ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓަވާލައްވައިފި

10:00ޖަލްސާ ކުރިއަށް ގެންދެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ރިޔާސަތުން ނިންމަވާލައްވައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މި ޖަލްސާގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ ވަކިވަކިން ބައްދަލުކުރައްވާ މަޝްވަރާކުރައްވާން ބޭނުންފުޅުވާ ކަމުގައި ވިދާޅުވެ ނުވަގަޑި ހަ މިނިޓްގައި ޖަލްސާ ނިންމަވާލެއްވި އެވެ.ޝާހިދު އަދި ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އެއްބާރުލުން ދެއްވައިގެން ކަމަށެވެ. އަދި މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކާއެކު ކުރެއްވި މަޝްވަރާތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ފެނިވަޑައިގެންފައިނުވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.މިހަފްތާގެ ތިން ދުވަހު ވެސް ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓަވާލައްވާފައި މިވަނީ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކާމެދު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ހިތްތަމަޖެހިވަޑައިނުގެން، ނަންގަވަމުން ގެންދަވާ ނިޒާމީ މައްސަލަތަކާ ގުޅިގެން އެހެން މެންބަރުން ވެސް ނިޒާމީ މައްސަލަތައް ނަންގަވައި މަޖިލީހުގެ ތަޅުން ހޫނުވެ މެންބަރުންގެ މެދުގައި ޒުވާބު އުފެދި އަޑުގަދަވެ މަޖިލީހުގެ ނިޒާމް ގެއްލިގެން ދިއުމުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ