އިނާޒު ބައްދަލުކުރީ ބަޖެޓާ ބެހޭގޮތުން މަޝްވަރާކުރަން: ޔާމީން

"ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ އިނާޒު އޭނާއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގަތީ ރޭ ހަތެއް ޖަހާކަށްހާއިރު ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. "އިނާޒު އަޅުގަނޑާ މަޝްވަރާކުރެއްވީ ބަޖެޓާ ބެހޭގޮތުން މައިގަނޑު ގޮތެއްގައި. މިހާ ބޮޑު ބަޖެޓެއް ހުށަހަޅައިގެން ފާސްކޮށްފައިވާއިރު އެ ތަންފީޒުކުރުމުގައި އޮޕޮޒިޝަންގެ އެހީތެރިކަމަށް އެދިވަޑައިގަތީ. އަޅުގަނޑު ދެންނެވިން މުޅި ރައްޔިތުންގެ ހައްގުގައި ކުރައްވާ ކަމެއް ވެއްޖިއްޔާ އަޅުގަނޑުގެ އެއްބާރުލުން ލިބޭނެއޭ. އެހެން ނަމަވެސް އަޅުގަނޑާ އެކަނި ބައްދަލުކުރައްވައިގެން ބަޖެޓް އިޝޫތަކަށް ހައްލެއް ނުލިބޭނެއޭ. ޑީއާރުޕީގެ ބޭފުޅުންނަށް ވެސް ދަންނަވައިގެން އޮޕޮޒިޝަންގެ އެންމެންނާއެކު އިށީންނަށް އަޅުގަނޑު ވެސް ތައްޔާރޭ ދެންނެވިން،" ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ އިނާޒް އޭނާއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގަތީ "ވަރަށް ސިންސިއާކޮށް" ކަމަށާއި އެކަމަކު އެމްޑީޕީގެ އެކްޓިވިސްޓުން އަމަލުކުރި ގޮތުން ވަރަށް ބޮޑަށް ދެރަވާ ކަމަށެވެ. "އެއީ ސިއްރު ބައްދަލުވުމެއް ނޫން. އަޅުގަނޑު ގޭގައި ވެސް ބައްދަލުކުރަން އުނދަގޫވީ، އެފަދަ ކަމެއް ހިނގާކަން އެނގިއްޖިއްޔާ އެމްޑީޕީގެ އެކްޓިވިސްޓުން ގޭ ދޮށަށް އެއްވެ އަޑުގަދަކޮށް ގޭތެރެއަށް ގާ އުކުން ފަދަ ކަމެއް ކޮށްފާނެތީ. ކެފޭ ނޫނީ ރެސްޓޯރަންޓަކަށް ދާން ބެއްޔަސް އެ ބިރު އެބައޮތް،" ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަޖެޓް ފާސްކުރުމުގެ ކުރިން ވެސް އިނާޒު ބައްދަލުކުރައްވަން އެދިވަޑައިގެންނެވި ކަމަށެވެ. "އެކަމަކު އަޅުގަނޑަށް ވަގުތު ނުވެގެން އޭރު ބައްދަލު ނުވެފައި އޮތީ،" ޔާމީން ވިދާޅުވި އެވެ. އިނާޒާއި ޔާމީން ރޭ ދަންވަރު 12 ޖަހަން އުޅެނިކޮށް ޔާމީންގެ ކާރުގައި ބައްދަލުކުރެއްވީ ބޮޑުތަކުރުފާނު މަގު ޓްރެކް ސަރަހައްދުންނެވެ. އިނާޒް ރޭ ދަންވަރު އެމްޑީޕީގެ ހަރުގޭގައި އެ ޕާޓީގެ އެކްޓިވިސްޓުންގެ "މުށުތެރޭގައި" އެ ބައްދަލުވުން ކުރިއަށް ދަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އެތަނަށް އެއްވެ އިނާޒާ ދިމާލަށް ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވައި ހަދައިފަ އެވެ. އަދި މަގާމުން އިސްތިއުފާ ދެއްވި ކަމުގެ އެސްއެމްއެސްއެއް ވެސް ވަނީ "ޕްރެޝަރުކޮށްގެން" އިނާޒު ލައްވައި ރައީސް މުހައްމަދު ނަޝީދަށް ފޮނުވައިފަ އެވެ. އެމްޑީޕީ ހަރުގެއަށް ރޭ ދަންވަރު އިނާޒު ގެންދިއުމަށް ފަހު އޭނާ ދޫކޮށްލީ އެ އެސްއެމްއެސް ރައީސް ނަޝީދަށް ފޮނުއްވުމުންނެވެ. ނަމަވެސް ރައީސް އޮފީހުން ބުނެފައި ވަނީ އިނާޒު އިސްތިއުފާ ދެއްވާފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ