ކުކުޅު ބިހާއި އަލުވިއާއި ފިޔާ ހިފައިގެން އައި ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް ހޯދައި ނުވަ ކިލޯއަށްވުރެ ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައި ގަނެ ބަޔަކު ހައްޔަރުކޮށްފިއެވެ.
ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ އިއްޔެ އިންޑިއާގެ ޓުޓިކޮރިން ބަދަރުން ފުރައިގެން ކުކުޅު ބިހާ ފިޔަޔާއި އަލުވި ބަރުކޮށްގެން ރާއްޖެ އައި ސިލްވަރ ކުލައުޑު 49 ކިޔާ ލަކުޑި ބޯޓަކުންނެވެ.
ފުލުހުންގެ އިންޓެލިޖެންސާއި، ޑަރްގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިހާތަނަށް ހަތަރު ދިވެއްސަކާއި އިންޑިޔާގެ ފަސް މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މިމައްސަލައާއި ގުޅިގެން ފުލުހުން ހިންގާ އޮޕްރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލަމުން ދާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އެގެއިން މިހާތަނަށް ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި ބޭރުފައިސާ ވަނީ ހޯދިފައި ވާ ކަމަށާއި އަދި ރާއްޖެއިން ބޭރުގެ ދެ މީހަކު އެގެއިން ފުލުހުން ހައްޔަރު ކޮށްފައި ވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިހާތަނަށް ބެލި ބެލުމުން މިބޯޓު މާލެ އައިސްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އިންޑިޔާގެ ޓޫޓިކޮރިން ބަނދަރުން ކުކުޅު ބިހާ ފިޔަޔާ އަދި އަލުވި ބަރުކޮށްގެން ކަން އެނގިފައި ވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ