ގެއްލުނު މަތިންދާބޯޓު ހޯދުމުގެ މަސައްކަތަށް ހޭދަވީ ކިހާ ވަރެއް؟

މިއީ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިިވާ ގައުމުތަކުން ޖަވާބު ދޭން ޝައުގުވެރިވާ ސުވާލެއް ނޫންކަން ޔަގީނެވެ. މި ސުވާލަށް ޖަވާބު ދޭން އެ ފަރާތްތަކުން ބޭނުން ނުވިޔަސް ޔަގީންކޮށް އެނގެން އޮތް އެއް ކަމަކީ، ނަތީޖާއެއް ނުނިކުމެ، އެމްއެޗް 370 ހޯދުމުގެ މަސައްކަތަށް ދުވާލަކަށް އެތައް މިލިއަން ޑޮލަރު ހޭދަވަމުންދާ ކަމެވެ. މި މަސައްކަތަށް މަސް ދުވަސްވެފައިވާއިރު މިއީ މިފަދަ އެންމެ އަގުބޮޑު ތަހުގީގުކަމާ މެދަކު މިހާރު ސުވާލެއް ވެސް ނުއުފެދެ އެވެ. އެމްއެޗް 370 ގެއްލުމުގެ ހާދިސާއާ އެންމެ އެއްގޮތް ހާދިސާއެއް ދިމާވެފައި ވަނީ 2009 ވަނަ އަހަރު އެޓްލާންޓިކް ކަނޑަށް ގެއްލުނު އެއާ ފްރާންސްގެ ފްލައިޓް 447 އަށެވެ. އެ ބޯޓުގެ ތަހުގީގުގައި ކުރިލިބި ވީނުވީއެއް ހޯދުނީ ދެ އަހަރު ފަހުންނެވެ. މުޅި ތަހުގީގަށް ޖުމްލަ 50 މިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައިވެ އެވެ. އެއީ ދެ އަހަރު ދުވަހުގެ ތަހުގީގުގެ ޚަރަދެވެ. މެލޭޝިއާ އެއާލައިންސްގެ މަތިންދާބޯޓް ގެއްލުނުތާ މަސް ދުވަސް ތެރޭގައި މި ވަނީ، ބޯޓް ހޯދުމުގެ ޖުމްލަ ޚަރަދު 54 މިލިއަނަށް އަރައިފަ އެވެ. ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ވެސް މަތިންދާބޯޓެއް ގެއްލިގެން މިވަރުގެ އަގުބޮޑު ތަހުގީގެއް މިހާތަނަށް ހިންގާފައެއް ނުވެ އެވެ. ބޯޓަށް ވީނުވީއެއް ނޭނގި، ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، އަދި ނަތީޖާ ނުލިބި މި މަސައްކަތް ހުއްޓާނުލާނެ ކަމަށް މެލޭޝިއާ އިން ބުނެފައިވާއިރު މި މަސައްކަތުގެ ޚަރަދު ކުރިއަށް އޮތް ދުވަސްތަކުގައި އަރައިގެންދާނެ ވަރު ލަފާކުރަން ވެސް ދައްޗެވެ. އެމްއެޗް 370 ހޯދުމުގެ މަސައްކަތް އިއްޔެ އޮސްޓްރޭލިއާއާ ކައިރި ސަރަހައްދެއްގައި ކުރަނީ..-- ފޮޓޯ: އޭއެފްޕީ އެންމެ ބޮޑު ހޭދައެއް ކުރަން ޖެހިފައި ވަނީ އަސްކަރިއްޔާގެ ތެރެއިން ބޭނުން ކުރަމުން އަންނަ އުޅަނދުތަކަށާއި ސަވައިލަންސް ހާޑްވެއާ އަށެވެ. މި ހަރަކާތުގައި ދަނީ އަސްކަރީ މަނަވަރުތަކާއި ސެޓްލައިޓްތަކާއި މަތިންދާބޯޓާއި ސަބްމެރިން ވެސް ބޭނުންކުރަމުންނެވެ. އެންމެ ފުރަތަމަ މި ހުރިހާ އުޅަނދުތަކަކާއި އާލާތްތަކެއް ބޭނުންކޮށްގެން އަތްފުނާ އެޅީ ސައުޗު ޗައިނާ ކަނޑާއި މަލަކާ ސްޓްރެއިޓްސްގަ އެވެ. އެންމެފަހުން އެ މަސައްކަތް ބޭކާރުވީ ފަހުން ލިބުނު މައުލޫމާތުތަކަކާ އެކުގަ އެވެ. އެހިސާބުން ފެށިގެން ބޯޓް ހޯދުމުގެ މަސައްކަތް ވަނީ އިންޑިއާ ކަނޑުގެ ދެކުނު ބިތަށް ބަދަލުކޮށްފަ އެވެ. އެންމެފަހުން ލިބިފައިވާ މައުލޫމާތުތަކަށް ބުރަވެ އޮފިޝަލުން ވިދާޅުވަމުން ދަނީ މަތިންދާބޯޓް ވެއްޓިފައިވާ ކަމަށް ބެލެވެނީ އިންޑިއާ ކަނޑުގެ ދެކުނަށް ކަމަށެވެ. މަތިންދާބޯޓް ހޯދުމުގެ މަސައްކަތް މި ސަރަހައްދަށް ބަދަލުކުރާއެކު މި ހަރަކާތުގައި ބައިވެރިވެފައިވާ އެންމެ މުހިންމު އެއް ގައުމަކީ އޮސްޓްރޭލިއާ އެވެ. ބޯޓް ހޯދުމުގެ މަސައްކަތަށް އެގައުމުގެ އަސްކަރިއްޔާ އިން ނެރެފައިވާ މަނަވަރު، އެޗްއެމްއޭއެސް ސަކްސަސް މަސައްކަތަށް ދުވާލަކަށް 550،000 އެމެރިކާ ޑޮލަރު ދަނީ ހޭދަވަމުންނެވެ. މި ބޯޓް މި ހަރަކާތުގައި ބައިވެރިވީ މީގެ ދެ ހަފުތާކުރިންނެވެ. އޮސްޓްރޭލިއާ އިން ދެން ބޭނުންކުރަމުން އަންނަ މަނަވަރު އެޗްއެމްއޭއެސް ޓޫވޫމްބާގެ ދުވާލެއްގެ ޚަރަދަކީ 380،000 ޑޮލަރެވެ. ދެ މަނަވަރުގެ ޖުމްލަ ޚަރަދު ވަނީ މިހާރު ވެސް 10 މިލިއަން ޑޮލަރު ފަހަނަޅައި ގޮސްފަ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން މިއީ އަދި ހަމައެކަނި ލަފާކުރެވޭ އަދަދުތަކެކެވެ. ގެއްލިފައިވާ ބޯޓް ހޯދުމުގެ މަސައްކަތުގައި އޮސްޓްރޭލިއާ އާއި މެލޭޝިއާގެ އިތުރުން ޗައިނާ އަކީ ވެސް ބޮޑު ބައިވެރިވުމެއް ދީގެން އޮތް ގައުމެކެވެ. އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ނިއު ޒިލޭންޑާއި ޖަޕާނާއި ދެކުނު ކޮރެއާ އިން މި ހަރަކާތުގައި ބައިވެރިވެ އެވެ. އިއްޔެގެ ނިޔަލަށް މި ހަރަކާތުގައި ބައިވެރިވާ އަސްކަރީ މަތިންދާބޯޓްތަކުގެ އަދަދު ވަނީ ނުވަޔަކަށް އަރައިފަ އެވެ. އާންމު ތިން މަތިންދާބޯޓާއި 14 މަނަވަރުން ދަނީ 234،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ބަލަމުންނެވެ. އެމްއެޗް 370 ހޯދުމުގެ މަސައްކަތް އިއްޔެ އޮސްޓްރޭލިއާއާ ކައިރި ސަރަހައްދެއްގައި ކުރަނީ..-- ފޮޓޯ: އޭއެފްޕީ މަތިންދާބޯޓް ހޯދުމުގެ މަސައްކަތަށް ހޭދަވާ ޚަރަދާ ބެހޭ ގޮތުން އެއްގޮތަކަށް ވެސް ވާހަކަ ދައްކަން ބޭނުން ނުވަނީ މެލޭޝިއާ އިންނެވެ. އެގައުމުގެ ޑިފެންސް މިނިސްޓަރު ހިޝާމުއްދީން ހުސެއިން ވިދާޅުވެފައި ވަނީ ޚަރަދާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި ސަމާލުކަން ދީފައި ވަނީ ގެއްލުނު މަތިންދާބޯޓް ހޯދުމަށް ކަމަށެވެ. ބެލެވޭ ގޮތުގައި މި ހަރަކާތުގައި އެންމެ ބޮޑު ގެއްލުމެއް ވަމުން ދަނީ މެލޭޝިއާ އަށެވެ. ޗައިނާ އިން ވެސް ވަނީ އެމީހުންގެ ބައިވެރިވުމުގެ ޚަރަދު އާންމުކުރަން ދެކޮޅުހަދައިފަ އެވެ. މެލޭޝިއާ އާއި އޮސްޓްރޭލިއާ ފަހަތުން އެމެރިކާ އިން ވެސް ދަނީ މި ހަރަކާތަށް މިލިއަނުން ހޭދަކުރަމުންނެވެ. އެމެރިކާގެ އެންމެ ބޮޑު އެއްބާރުލުމެއް ލިބެމުން ދަނީ ކަޅުފޮށި ހޯދުމުގެ ބުރަ މަސައްކަތަށެވެ. އެ މަސައްކަތަށް އެކަނި ވެސް އެމެރިކާ އިން 3.6 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. ޖަޕާނުން ވެސް ބުނެފައި ވަނީ ޚަރަދުގެ އަދަދު ބުނަން އުނދަގޫވާ ކަމަށެވެ. ނަމަވެސް އެގައުމުން މި ހަރަކާތުގައި ބައިވެރިވަނީ ކުއްލި އެހީގެ ގޮތުގައި ދޫކޮށްފައިވާ 8.8 މިލިއަން ޑޮލަރުގެ ބަޖެޓަކާ އެކުގަ އެވެ. މަތިންދާބޯޓް ހޯދުމަށް އެންމެ ފުރަތަމަ ބެލި ސައުތު ޗައިނާ ކަނޑުގެ ސަރަހައްދުގައި ވިއެޓްނާމުން ހިންގި ހަރަކާތަށް އެކަނި ވެސް އަށް މިލިއަން ޑޮލަރު ހޭދަވެފައިވެ އެވެ. އޮފިޝަލުން ވިދާޅުވަމުން ދަނީ މަތިންދާބޯޓް ނުފެނި ހޭދަވަމުންދާ ވަގުތާއި ޚަރަދަކީ ބޭކާރުވަމުންދާ އެއްޗެއް ނޫން ކަމަށާއި މަތިންދާބޯޓް ފެންނަން ދެން ކުރަން ޖެހުނު ހުރިހާ ކަމެއް އެ ފަރާތްތަކުން ކުރަމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ