ކުރީގެ ރައީސް ނަޝީދާއި ރައީސް ވަހީދު ވެސް ކޮމެޓީ އަށް ހާޒިރުކޮށްފާނެ ކަމުގެ އިޝާރާތެއް ދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސް މުހައްމަދު ވަހީދު އުފެއްދެވި ކޮމިޝަން އޮފް ނެޝެނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓް ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު ބަލާ ކޮމެޓީ އަށް ބޭނުންވާ މައުލޫމާތު ހޯދަން ނަޝީދާއި މިހާރުގެ ރައީސް މުހައްމަދު ވަހީދު ވެސް ކޮމެޓީ އަށް ހާޒިރުކުރަން ނިންމަފާނެކަމުގެ އިޝާރާތެއް މުގައްރިރު ރޭ ދެއްވައިފި އެވެ. ކޯނީގެ ރިޕޯޓާ ގުޅިގެން ބޭނުންވާ ބައެއް މައުލޫމާތު ހޯދަން ކުރިއަށް ގެންދަވާ ސިއްރު ބައްދަލުވުންތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވިދާޅުވީ ފެބްރުއަކީ 7،6 އަދި 8 ފުރިހަމަވާނީ ރައީސް ނަޝީދާއި ރައީސް ވަހީދުގެ ވާހަކަތައް ވެސް ހިމެނުމުން ކަމަށެވެ. "ކޮންމެ ގޮތެއް ވިއަސް މި ދެ ބޭފުޅުންނާ [ރައީސް ވަހީދާއި ކުރީގެ ރައީސް ނަޝީދު] އާ މި ރިޕޯޓް ނުގުޅޭނެ ގޮތެއް ނޯންނާނެ. އެއް ބޭފުޅަކު މި ފެނުނީ ކުއްލިއަކަށް އިސްތިއުފާ ދެއްވިތަން. އަނެއް ބޭފުޅަކު މިފެނުނީ މީޑިއާއަކުން ވެސް މާ ބޮޑަށް ފެނުމެއް ނެތި ކުއްލިއަކަށް މަގާމާ ހަވާލުވިތަން. އަޅުގަނޑަށް ހަމަޔަގީން މިހާރު މި ދެ ބޭފުޅުންގެ ވާހަކަތައް ވެސް އަންނާނެކަން. މި ދެ ބޭފުޅުންގެ މައުލޫމާތު ނުހިމެނިއެއް 8،7،6 ފުރިހަމައެއް ނުވާނެ. ނަމަވެސް ގޮތެއް ނިންމާނީ ކޮމެޓީ މެންބަރުން. އަޅުގަނޑު މިއިނީ ކާސްޓިން ވޯޓް ލާން،" އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކޮމެޓީ އަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި، މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި މިހާރުގެ ޗީފް އަހުމަދު ޝިޔާމާއި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވެސް ހާޒިރުކުރަން ނިންމަވާފައިވާ ކަމަށެވެ. "ރައްޔިތުން މަޖިލީހުގެ ރައީސް މި ކޮމެޓީ އަށް ފޮނުވާފައި އޮތީ ކޮމިޝަން އޮފް ނެޝެނަލް އިންކުއަރީގެ ރިޕޯޓް ދިރާސާކުރަން. ދިރާސާ މި ކުރަނީ. އެކަން ކުރީމަ އެނގޭނީ ވެރިކަން ބަދަލުވީ ސައްހަކޮށްތޯ ނުވަތަ ނޫންތޯ ވެސް،" އަލީ ވަހީދު ވިދާޅުވި އެވެ. އެމްޑީޕީގެ ހަ މެންބަރުންނާއި ސަރުކާރުގެ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ފަސް މެމްބަރު ތިއްބަވާ ކޮމެޓީ އަށް ރޭ އެންމެ ފަހުން ހާޒިރުކުރީ ކުރީގެ މާލެ ސިފައިންގެ އޭރިޔާގެ ކޮމާންޑަރު މޭޖާ އިބްރާހިމް ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދެވެ. އަލީ ވަހީދު ވިދާޅުވީ އިބްރާހިމް ދީދީގެ ބައްދަލުވުން ދެ ގަޑިއިރަށް ދެމުނު ކަމަށެވެ. ކާނަލް ޒިޔާދުގެ ބައްދަލުވުން ވަކި ހިސާބަކުން ކުރުކޮށްލައްވަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. "ކާނަލް ޒިޔާދު ވަނީ އަބްދުﷲ ގާޒީގެ މައްސަލާގައި އޭނާގެ މައްސަލަ ޝަރުއީ ކޯޓެއްގައި އޮތީމަ އިތުރަށް މައުލޫމާތު ދެއްވަން އުޒުރުވެރިވާ ވާހަކަ ދަންނަވާފައި. ކާނަލް ޒިޔާދު އެދިލައްވަނީ ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގެ ހިމާޔަތެއް މެދުވެރިކޮށެއް ނޫން. އެހެންވެ ޕީޕީއެމްގެ މެންބަރުން އެދިލެއްވީ އެ ބައްދަލުވުން ކުރުކޮށްލަން. ނަމަވެސް އެމްޑީޕީގެ މެންބަރު އެދިލެއްވީ އަބްދުﷲ ގާޒީއާ ގުޅުން ހުރި ބައި ފިޔަވާ ދެން ހުރި ކަންތައްތަކަށް ސުވާލުކުރެވޭ ގޮތަށް ހަދަން. އެ ހިސާބުން ރިޔާސަތުން ނިންމެވީ ކޮމެޓީގެ މަސްލަހަތަށް ބެލުމަށް ފަހު ބައްދަލުވުން ކުރުކޮށްލަން. ކުރިއަށް އޮތް ތާނގައި ކާނަލް ޒިޔާދު ހާޒިރުކުރުން އޮތީ ކޮމެޓީގެ މެންބަރުގެ އަތްމަތީގައި،" އަލީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ