ކުރީގެ ރައީސުންނަށް އިނާޔަތް ނުލިބޭނެ ހާލަތްތަކެއް ގާނޫނުގައި ހިމެނުމަށް ހުށަހަޅައިފި

ކުރީގެ ރައީސުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނުގައި އިނާޔަތާއި ހިމާޔަތް ނުލިބޭނެ ހާލަތުތަކެއް ހިމެނުމަށް ވިލުފުށީ ދައިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވައިފިއެވެ.
ހިމާޔަތާއި ރައްކާތެރިކަމުން އަދި އިނާޔަތްތައް އެއްވެސް ވަރަކަށް ނުލިބޭނެ ހަތަރު ހާލަތެއް ބަޔާންކޮށް މިފަދަ ބިލެއް ހުށަހެޅުއްވީ، ގައުމުގެ ރައީސްކަން ކުރައްވާ ބޭފުޅުންނަކީ، ގައުމަށް ލާބައާއި މަންފާ ކުރަނިވި ނަމޫނާ ބަޔަކަށް ވާން ޖެހޭތީ އެކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް ރިޔާޒު ރަޝީދު ވިދާޅުވެއެވެ.
ރިޔާޒު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި، ގާނޫނު އަސާސީއާ ހިލާފުވާ ދަނޑިވަޅުތަކުގައާއި، އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވުން ނުވަތަ ހިތްވަރު ދިނުމާއި، ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ފަރާތަކުން ގާނޫނާ ހިލާފު ކަމެއް ކުރަން ޖެހޭ ހާލަތުގައި ހިމާޔަތާއި ރައްކާތެރިކަން ލިބިގެން ނުވާނެއެވެ.
އަދި ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ އަމަލެއް ކުރާ ހިންދުއާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ފަދަ އަމަލެއް ހިންގުމުގެ އިތުރުން، ޓެރަރިޒަމުގެ އަމަލެއް ހިންގާ ހާލަތްތަކާއި، ރާއްޖޭގެ އިގްތިސާދަށް ގެއްލުން ލިބޭ ކަމެއް ކުރައްވައިފި ހާލަތެއްގައި އެއްވެސް މާލީ އިނާޔަތެއް ލިބިގެން ނުވާނެއެވެ.
ކުރީގެ ރައީސުންނަށް ހިމާޔަތާއި އިނާޔަތް ދިނުމާ ބެހޭ ގާނޫނަށް މިފަދަ އިސްލާހުތަކެއް ގައުމީ ޕާޓީ ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރު ހުށަހެޅުއްވި އިރު، މިހުރިހާ ޝަރުތުތަކެއް ވެސް ރައީސް މުހައްމަދު ނަޝީދަށް ފެތޭ ކަމަށް ސަރުކާރަށް ތައިދު ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ