އަންނަ ސީޒަނަށް ބޮބީވެސް ގްރީންސްޓްރީޓްސްއަށް ސޮއިކޮށްފި

ނިމިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓަށް ކުޅުނު އުއްމީދީ މިޑްފީލްޑަރ ރިހާމް އަބްދުލްޢަނީ (ބޮބީ) އަންނަ ސީޒަނަށް ވަރުގަދަކުރަމުން އަންނަ ކުލަބް ގްރީންސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.
ބޮބީގެ އިތުރުން އެޓީމާއި އަނެއްކާވެސް ގުޅުނު ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އާއި މިދިޔަ ސީޒަނުގައި އެ ކުލަބުގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި މުހައްމަދު ފަރުހާން (ފަރުއްކޮ) ވެސް ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ. މި ކުޅުންތެރިން ސޮއިކޮށްފައިވަނީ ޓާމިނަލް ކެފޭގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.
ގްރީންސްޓްރީޓްސް އިން ވަނީ އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު އުމެއިރުގެ ސޮއިވެސް ދާދިފަހުން ހޯދާފައެވެ. އަދި މިދިޔަ ސީޒަނުގައި އެ ކުލަބުގެ ގޯލު ބެލެހެއްޓި ޒުވާން ގޯލްކީޕަރު ލަބާން ޝަރީފް ވަނީ އެ ކުލަބާއެކު ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ކުލަބް އީގަލްސްއިން ވިދާލި ބޮބީ ވަނީ އީގަލްސް ގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން އޭޝިއަން ކަޕް ކޮލިފައިންއަށް ނެގި ސްކޮޑުން ބޮބީއަށް ޖާގަލިބުނެވެ. ނަމަވެސް ކުލަބަށް ނާންގާ ފުޓްސަލް ކުޅުމުގެ ސަބަބުން އޭނާ ވަނީ އެ ކުލަބުން ވަކިކޮށްފައެވެ. އަހަރެއްގެ ބްރޭކަކަށްފަހު ބޮބީ ދެން ފެނިގެންދިޔައީ ނިއުރޭޑިއަންޓުންނެވެ.
މިދިޔަ އަހަރު އެންމެ ވަރުގަދަކޮށް ފެނުނު ނިއުރޭޑިއަންޓާއެކު ބޮބީ ވަނީ މުހިއްމު މެޗުތަކެއް ކުޅެފައެވެ. އަދި އޭއެފްސީ ކަޕުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ތަށި ހޯދި ސާފް ސުޒުކީ ކަޕުގެ ސްކޮޑުގައިވެސް އޭނާ ހިމެނުނެވެ. ގްރީންސްޓްރީޓްސްގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިދިޔަ އަހަރުވެސް އެ މަގާމު ފުރި އަލީ ސުޒެެއިނެވެ.
މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ