ޓެކްސީއަށް ފައިސާ ދެއްކުމަށް އެޕްލިކޭޝަނެއް ތައާރަފުކުރަނީ

އެޕްލިކޭޝަނެއްގެ ތެރެއިން ޓެކްސީތަކަށް ފައިސާ ދެއްކޭނެ އުސޫލެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ޓެކްސީތަކުން ނަގާ އަގު ކުޑަކުރުމަށް މީޓަރު ޓެކްސީގެ ޚިޔާލު ގިނަ ބައެއްގެ ފަރާތުން ލިބިގެން އައި ކަމަށެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކުގައި މީޓަރު ޓެކްސީ އަށްވުރެ ފަހުން ޓެކްސީ ދަތުރުތައް ހޯދުމަށާއި ފައިސާ ދެއްކުމަށް އެޕްލިކޭޝަންތައް ތައާރަފުވެ ބޭނުންކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ވެސް ޓެކްސީ ދަތުރުފަތުރުގެ ކަންކަން އެޕްލިކޭޝަނެއްގެ ތެރެއިން ކުރިއަށް ގެންދާނެ ގޮތަކަށް ބައްޓަން ކުރަމުން އަންނަ ކަމަށް އާދިލް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ ޓެކްސީ ދަތުރުތަކުގެ އަގާ ގުޅިގެން ޓެކްސީ ޑްެރައިވަރުންނާއި އާންމު ރައްޔިތުންނާވެސް މަޝްވަރާކޮށް ޚިޔާލު ހޯދާފައިވާ ކަމަށާއި އެކަމާ ގުޅިގެން އިތުރު ސާރވޭއެއް ވެސް ކޮށްފައިވާ ކަމަށެވެ. ގިނަ ކަންތައްތަކެއް ހިމަނައިގެން ކުރި އެ ސާރވޭގެ ނަތީޖާ ދައްކާގޮތުން މިހާރު ޓެކްސީ ދަތުރުތަކަށް ނަގާ އަގު ބޮޑުކަމަށް ގިނަ ރައްޔިތުން ދެކޭ ކަމަށް އާދިލް ވިދާޅުވިއެވެ.
ޓެކްސީގެ ޚިދުމަތް ދިނުން އިތުރަށް ފަސޭހަ ކުރުމަށް ކުރަންޖެހޭ ކަންތައްތައް ވެސް ކުރަމުން އަންނަކަން އާދިލް ފާހަގަކުރެއްވިއެވެ. އަދި ޓެކްސީތަކުގެ އަގާއި ގުޅޭގޮތުން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެމަޝްވަރާތައް ނިމުނުހާ އަވަހަކަށް އެކަން އިއުލާން ކުރާނެ ކަމަށް އާދިލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ