މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އެއްވެސް މުއައްސަސާއަކުން މިހާތަނަށް ސުވާލެއް ނުކުރޭ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އެއްވެސް މުއައްސަސާއަކުން މިހާތަނަށް ސުވާލުކޮށްފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ފުލުސް އޮފީހުން ރައީސް ޔާމީން ނުކުމެވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެސްއޯއެފްގައި ހުރި ހުރިހާ ފައިސާއަކީ އެމްއެމްޕީއާރްސީ ފައިސާ ކަމަށް މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން އަދި އެއްވެސް ތަހުގީގީ އިދާރާއަކުން ވެސް ނިންމާފައި ނުވާ ކަމަށެވެ.
"މަނީ ލޯންޑަރިންއަކީ ދެކޮޅަށް އޮންނަ ކޮންސެޕްޓެއް. އެއްކޮޅުގައި އޮންނަ ކޮންސެޕްޓަކީ ލޯންޑާ ކުރާ މީހާ. އަނެއްކޮޅުގައި އޮންނަ ކޮންސެޕްޓަކީ ފައިސާ ލިބޭ މީހާ. އެކަމުގައި އެހީވޭތޯ ނޫންތޯ. މިހާތަނަކަށް ނޯންނާނެ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން ވެސް އަދި އެއްވެސް ތަހުގީގީ އިދާރާއަކުން ވެސް ނިންމާފައެއް އެސްއޯއެފްގައި ހުރި ހުރިހާ ފައިސާއަކީ އެމްއެމްޕީއާރްސީ ފައިސާ ކަމަކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފް އެކައުންޓުން ދީފައި ހުރި ހުރިހާ ޗެކުތަކަކީ މަނީ ލޯންޑަރިންގެ ގޮތުގައި ބެލެވޭނެ ޗެކުތަކެއް ކަމަށް އެއްވެސް ތަހުގީގީ އިދާރާއަކުން ނޫނީ ޝަރުއީ ކޯޓަކުން ވެސް ނިންމާފައި ނުވާ ކަމަށާއި އެސްއޯއެފްގެ އެކައުންޓުތަކުން ސަރުކާރުގެ ކުންފުނިތަކާ ވެސް މުއާމަލާތުކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަދި އެސްއޯއެފް އިން ދޭ ޗެކްތަކަކީ މަނީ ލޯންޑަރިންގެ ފައިސާ ކަމަށް ދައުލަތުގެ އިދާރާތަކަށް ގަބޫލުކުރެވެންޏާ އާންމުންގެ ސަލާމަތަށް މިހާތަނަށް އޮންނަންވާނެ އާންމުންނަށް އެނގޭ ގޮތަށް ބަޔާނެއް ވެސް ނެރުއްވާފައި. އެއީ މި ޗެކުން ލިބޭ ފައިސާ، އެއްވެސް ފަރާތަކުން ބަލައިނުގަންނާށޭ، މީގެ ތެރޭގައި މި ހިމެނެނީ މަނީ ލޯންޑަރިންގެ ފައިސާ ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެސްއޯއެފްއަށް ވަދެފައި ހުރި ވަރަށް ގިނަ ފައިސާއަކީ މަނީ ލޯންޑަރިންގެ ފައިސާއަށް ފަހަރުގައި ވެދާނެ ކަމަށާއި އެ ފައިސާއަކީ ދައުލަތަށް ވަންނަން ޖެހޭ ފައިސާތަކުގެ ތެރެއިން ފައިސާ ކަމަށް ވެދާނެ ކަމަށެވެ. އެކަމަކު އެ ހުރިހާ ފައިސާއަކީ މަނީ ލޯންޑަރިންގެ ފައިސާއަށް ނުވެ ހިނގައިދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ