ތިލަފުށި، ގުޅީފަޅު، ވިލިމާލެ އަދި މާލެ ގުޅުވަން ޔާމީނު ގެންގުޅުއްވި ސިޔާސަތަށް ނަޝީދު ތާއީދު ކުރައްވައިފި

މާލެއަށް ދިމާވެފައިވާ ބޯހިޔާވެހި ކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިލަފުށި، ގުޅީފަޅު، ވިލިމާލެ އަދި މާލެ ގުޅުވާލައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިންގަން އުޅުނު ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފިއެވެ. އެމްޑީޕީގެ ޕްރައިމަރީގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓެއްގެ ކެމްޕެއިން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާލެއަށް މިވަގުތު އެންމެ ބޭނުންވަނީ ބޯހިޔާވަހިކަމަށް ހައްލެއް ކަމަށާއި އެ ވައުދު މި ސަރުކާރަށް ފުއްދޭނެ ކަމަށެވެ. އެގޮތުން ވެށިފަހި މާލެ ޕްރޮގްރާމްގެ ތެރެއިން ތިލަފުއްޓާއި ގުޅީ ފަޅާއި ވިލިމާލެ އަދި މާލެ-ހުޅުމާލެ ގުޅާލުމަށް ވިސްނާފައި އޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެނަށް ފެންނަ ފެނުމުގައި ކަޅިއްސުރެ ގިރާވަރު ކަނޑާއި ހަމައަށް ގުޅާލެވޭ މަގެއްގައި މާލޭގެ ރައްޔިތުންގެ އަދި މި މާލޭގެ ތޮއްޖެހުން ފިލުވޭނެ،" ނަޝީދު ވިދާޅުވި އެވެ. ތިލަފުށި، ގުޅީފަޅު، ވިލިމާލެ އަދި މާލެ ގުޅުވާލައިގެން ހިންގާ ބިޔަ މަޝްރޫއަށް ރައީސް ޔާމީންގެ ސަރުކާރުން ދިން ނަމަކީ ވިލިމާލެ 2 އެވެ. އެ މަޝްރޫއުގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން ހުޅުވާލިއެވެ. ކިޔުގައި ޖެހިގެން އެތައް ބަޔަކު ވަނީ ގޯއްޗަށް އެދުމުގެ ފޯމް ނަގައި ފުރިހަމަކޮށް ހުށަހަޅާފައެވެ. ރައީސް ނަޝީދު އެ މަޝްރޫއަށް ކިޔުއްވަނީ ވެށިފަހި މާލެ ޕްރޮގްރާމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މަޝްރޫއު ހުއްޓާނުލައި ކުރިއަށްދިޔުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އޭރު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މީހުން މާލެ އައުމުގެ ދައުވަތު ވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ދީފަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ އެކަމާ ދެކޮޅެވެ. އެމަނިކުފާނު މިރޭ ވިދާޅުވީ މާލެ ސަރަހައްދު ގުޅުވާލި ނަމަވެސް މާލެ އަށް އިތުރަށް މީހުން ތޮއްޖައްސަން ނުވާނެ ކަމަށެވެ. ރައީސް ނަޝީދު ބޭނުންފުޅުވަނީ ތިލަފުށި، ގުޅީފަޅު، ވިލިމާލެ އަދި މާލެ ގުޅުވާލައިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ