މާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތްފަށައިފި

މާލޭގެ މަގުތަކުގައި ހިނގާ މީހުންނަށާއި ވެހިކަލްތައް ޕާކް ކުރަން ދަތިވާގޮތަށް ބަހައްޓާފައިހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތަކީ މާލެއަކީ އިޖްތިމާޢީގޮތުން ރައްކާތެރި ތަނަކަށް ހެދުމަށް ސިޓީކައުންސިލުން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރަމުންދާ ކަމެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕޭވްމަންޓް މައްޗަށް އަރައި ފޭބުމަށް ޚާއްޞަ ކޮށްފައި ހުންނަ ތަންތަނާއި މީހުންނަށް ދަތިވާގޮތަށް ޕެލެޓާއި އެނޫންވެސް ތަކެތި ބަހައްޓާފައި ހުންނަ ތަންތަން ބަލައި އެ ތަކެތި ނަގަމުންދާކަމަށް ކައުންސިލުން ބުނެއެވެ.
މި މަސައްކަތް މިއަދު ހެނދުނު ފަށާފައިވާއިރު، ހެނދުނު ދިހައެއްޖެހުމާ ހަމައަށް 500އަށްވުރެ ގިނަ ޕެލެޓް، މާލޭގެ މަގުމަތިން ނަގާފައިވާކަމަށް ސިޓީކައުންސިލުން ބުނެއެވެ. ސީޓީކައުންސިލުން ބުނީ، ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ބޮޑެތި މަގުތަކުގައި ބަހައްޓާފައިހުރި ޕެލެޓްތައް ނެގުމުގެ މަސައްތަކްތަކަމަށެވެ. އަދި، މާލޭގެ ބައެއް ގަރާޖްތައްފަދަ ތަންތަނުގެ ކުރިމަތީގައި ޕާކް ނުކުރެވޭގޮތަށް ދަމާފައިހުންނަ ޗޭނުފަދަ ތަކެތިވެސް ނަގަމުންދާކަމަށް ސިޓީކައުންސިލުން ބުނެއެވެ.
ސިޓީކައުންސިލުން ބުނީ މިތަކެތި ނަގާއިރު، ގަރާޖްތަކާއި ކްލިނިކްފަދަ ތަންތަނުގެ ކުރިމަތީގައި ޕާކް ނުކުރެވޭގޮތަށް ހެދުމަށް ޚާއްޞަ ހުއްދައެއް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެ ހުއްދައަށްއެދި ސިޓީކައުންސިލަށް ހުށަހެޅުމުން ސިޓީކައުންސިލުން އެކަމަށް ޚާއްޞަ ބޯޑެއް ދޫކުރަނެކަމަށް ކައުންސިލުން ބުނެއެވެ.
މާލޭގެ ބައެއް މަގުތަކުގައި ފިހާރަތަކާއި ގޭގޭގެ ދޮރުމަތީގައިވެސް ޕެލެޓް ބަހައްޓާފައި ހުންނަކަން ފާހަގަކޮށްލެވެއެވެ. އަދި ބައެއް މަގުތަކުގައި ވެހިކަލް ޕާކް ކުރަން ދަތިވާވަރަށްވެސް ޕެލެޓް ބަހައްޓާފައި ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ