ސިފައިންނަށް ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުނީ އަޅުގަނޑު ބަޑިގުދަން ހުޅުވައި ނުދިނުމުން: ނަޝީދު

ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު ސަރުކާރާ ދެކޮޅަށް ސިފައިންނާއި ފުލުހުން ނުކުތް އިރު ސިފައިންނަށް ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުނީ އެމަނިކުފާނު ބަޑިގުދަން ހުޅުވައި ނުދެއްވުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ހއ. އަދި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަރުފުޅުގައި ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައީސް ކަމުން އިސްތިއުފާ ދެއްވި ދުވަހު މާލޭގައި ހިނގައި ދިޔަ ކަންތައްތައް ކޮންޓްރޯލް ކުރުމަށް ބަޑި ބޭނުންކުމަށް ބަޑި ގުދަން ހުޅުވައި ދިނުމަށް ގައުމީ ދިފާއީ ބާރުގެ އިސް ބޭފުޅުންތަކެއް އެމަނިކުފާނު އަރިހުގައި އެދިވަޑައިގަތް ކަމަށެވެ. ނަމަވެސް އެބޭފުޅުންގެ އެދުމަށް އެ ދުވަހު އަމަލު ނުކުރެއްވީ ދިވެހި ރައްޔިތުންގެ ގަޔަށް ބަޑިޖަހަން ޖެހޭތީ ކަމަށެވެ.
"ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ދިފާއީ ބާރުތަކުގެ ވެރިން އަޅުގަނޑުގެ ގާތު ތަކުރާރުކޮށް އެދުނު ބަޑިގުދަން ހުޅުވައި ދިނުމަށް، ބަޑި ބޭނުންކުރުމަށް. އަޅުގަނޑު އެދުވަހު އެކަން ނުކުރީ ރާއްޖޭގެ ރައްޔިތުންގެ ގަޔަށް ބަޑިޖަހަން ޖެހޭތީވެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ފެބްރުއަރީ ހަތް ވަނަ ދުވަހު ސިފައިންގެ ޖެނެރަލުންތަކެއް ކުރެއްވި ކޮމާންޑު ފެއިލް ވެގެން އެބޭފުޅުން އިސްތިއުފާ ދޭން ބޭނުންވާ ކަމަށް އެމަނިކުފާނު އަރިހު އެދުވަހު ދެންނެވި ކަމަށެވެ. ނަމަވެސް އެ ޖެނެރަލުން މިހާރު ރައްޔިތުންނާ ދެކޮޅަށް ކޮމާންޑް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ސިފައިން މިހާރު ބަޑި ހިފައިގެން އުޅޭ ކަމަށް ވެސް ރޭގެ ޖަލްސާގައި ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
"މިއަދު ކޮން އަސްލެއްގައިތޯ. ކޮން ގޮތަކަށް ގަބޫލުކުރައްވައްވައިގެންތޯ. އަނެއްކާ ބަޑި ހިއްޕަވައިގެން ތިޔަ ނުކުންނަވަނީ. އަޅުގަނޑު ވަކި ޖެނެރަލެއްގެ ނަން ދަންނަވާ ކަށެއް ނޫން. އެހެންނަމަވެސް އެ ޖެނެރަލުންނަށް އެނގިވަޑައިގަންނަވާނެ މިއަދު ރައްޔިތުންނާ އިދިކޮޅަށް ކޮމާންޑް ކުރައްވަމުން ގެންދަވާއިރުގައި އެ ދުވަހު އެ ބޭފުޅުންގެ ކޮމާންޑް ފެއިލްވެގެން އަޅުގަނޑު ގާތަށް އައިސް ތިމަންނާ އިސްތިއުފާ ދޭން އެދޭ ވާހަކަ ވިދާޅުވި. އެ ޖެނެރަލުން މިއަދު އަނެއްކާ ރައްޔިތުންނާ އިދިކޮޅަށް ކޮމާންޑް ކުރައްވަމުން ވަޑައިގަންނަވާ އިރު އަޅުގަނޑަށް ފެންނަ ފެނުމުގައި ތިޔަ ބޭފުޅުންގެ ވެސް ކޮންމެ ވެސް އިންސާނީގޮތެއް، ސިފައެއް ހުންނާން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ ސަލާމަތް ކުރުމަށް މިއަދު އެމްޑީޕީ އަށް މަޖުބޫރު ވެއްޖެ ކަމަށާއި ރާއްޖެ ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ކުޑަކޮށް ވެސް ފަހަތަށް ޖެހިވަޑައިނުގަނެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރުމަށް ޓަކައި ނުކުންނަން ޖެހުނު ކޮންމެ ތަނަކަށް ނުކުންނަވާނެ ކަމަށާއި އަދި ހުރަސް އަޅަން ޖެހުނު ދިމާލަކުން ހުރަސްއަޅަމުން ގެންދާނެ ކަމެވެ.
"މިއަދު އަޅުގަނޑުމެންނަށް މަޖުބޫރު ވެފައި މިއޮތީ މިރާއްޖެ ސަލާމަތް ކުރަން. އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކޮށް އަރުވަން އެ މައްސައްކަތުގައި އަޅުގަނޑު ކުޑަކޮށް ވެސް ފަހަތަކަށް ނުޖެހޭނެކަން. އަޅުގަނޑު ނުކުންނާން ޖެހުނު ތަނަކަށް ނުކުންނާނަން. ކުރާންޖެހުނު ކަމެއް ކުރާނަން. އަޅުގަނޑު ހުރަސް އަޅަންޖެހުނު ދިމާލަކަށް ހުރަސް އަޅާނަން. އަޅުގަނޑަކީ މިކަމުގައި ފަހަތަށް ޖެހޭނެ މީހެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ