މާލެ ސަރަހައްދުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ހަތަރު ތަނެއްގައި

މިއަހަރުގެ އަޟްހާ އީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 1447 ވަނަ އަހަރުގެ އަޟްހާ އީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުގެ ހެނދުނު 7:00 ގައެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް މިއަހަރު ކަނޑައަޅާފައިވާ ހަތަރު ތަނަކީ މާލޭގައި މާފަންނު ސްޓޭޑިއަމް، ވިލިމާލޭގައި ވިލިމާލެ ބޯޅަދަނޑު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ސިންތެޓިކް ޓްރެކް ސަރަހައްދު އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކްރިކެޓް ސްޓޭޑިއަމް ސަރަހައްދެވެ. މި ހަތަރު ސަރަހައްދުގައިވެސް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ރާވައިފައެވެ.
ބޮޑު ޖަމާއަތުގެ އިތުރުން މާލެ ސަރަހައްދުގެ އެކި މިސްކިތްތަކުގައިވެސް އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގެ 17 މިސްކިތެއްގައި އީދު ނަމާދު ކުރާނެއެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒު، މަސްޖިދުލްމަލިކި ސަލްމާން، މަސްޖިދުއްނޫރު، މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން އަދި ފުރުގާން މިސްކިތް ފަދަ ބޮޑެތި މިސްކިތްތައް ހިމެނެއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފަސް މިސްކިތެއްގައި އީދު ނަމާދު ކުރުމަށް ނިންމާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދު ހަސަން އާދަމް އަދި މަސްޖިދުލް އަމީންގައެވެ. މީގެ އިތުރުން ވިލިމާލޭގައި ބޮޑު ޖަމާއަތުގެ އިތުރުން މަސްޖިދުއްސަލާމް އަދި މަސްޖިދުލްބިއްރިގައިވެސް އީދު ނަމާދު ކުރާނެއެވެ.
މޫސުމަށް އަންނަ ބަދަލަކާ ގުޅިގެން ވިއްސާރަވެ މައިދާންތަކުގައި ނަމާދު ކުރުމަށް ދަތިވެއްޖެނަމަ ބޮޑު ޖަމާއަތް ކެންސަލް ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އީދު ނަމާދު ކުރާނީ މާލެ ސިޓީގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ