އަންހެން ފުލުހަކު ހިންގި ސިއްރު އޮޕަރޭޝަނެއްގައި 40 ފިރިހެނުން މައްލައުކޮށް ގޯނާކުރަން އުޅުނު

އިންޑިއާގެ ހައިދަރުއާބާދުގެ މަލްކަޖްގިރީ ޕޮލިސް ކޮމިޝަނަރު ވީ. ސުމަތީ، ދަންވަރުގެ ވަގުތެއްގައި ދިލްސުކްނަގަރު ބަސް ހުއްޓީގައި ސިއްރު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ރޭގަނޑު ވަގުތުތަކުގައި ފުލުހުން ކުރާ ޕެޓްރޯލްގެ ފެންވަރު ބެލުމަށާއި، އެކަނި ދަތުރުފަތުރުކުރާ އަންހެނުންނަށް ކުރިމަތިވާ ނުރައްކާތައް ދެނެގަތުމަށް ހިންގި އޮޕަރޭޝަނެކެވެ.
މަގުމަތީގައި އަންހެނުންގެ ރައްކާތެރިކަން އޮތް މިންވަރު ވަޒަންކުރުމަށްޓަކައި ހިންގި މި ސިއްރު އޮޕަރޭޝަނުގައި، އައި.ޕީ.އެސް އޮފިސަރު ސުމަތީ ވަނީ ދަންވަރު 12:30 އިން ފެށިގެން 3:30 އާ ހަމައަށް އާންމު ދަތުރުވެރިއެއްގެ ގޮތުގައި ބަސް ހުއްޓީގައި މަޑުކޮށްފައެވެ. ފުލުހުންގެ މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، ދަންވަރުގެ ވަގުތުތަކުގައި އަންހެނުންނަށް ކުރިމަތިވާ ހަގީގީ ހާލަތު ބެލުމަށްޓަކައި އޭނާ އެ ސަރަހައްދުގައި ހުރީ އެކަނިމާއެކަންޏެވެ.
އޭނާ އެތާ ހޭދަކުރި ތިން ގަޑިއިރުގެ ތެރޭގައި ފެނިގެންދިޔައީ ކަންބޮޑުވާންޖެހޭ ފަދަ މަންޒަރުތަކެކެވެ. އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު ގާތްގަނޑަކަށް 40 ފިރިހެނުން އޭނާއާ މައްލައުކޮށް ގޯނާކުރަން މަސައްކަތް ކުރިއެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި، މީގެ ތެރޭގައި މަސްތުވާތަކެއްޗާއި ރަލުގެ ނުފޫޒުގައި ތިބި މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޒުވާނުންނާއި، ދަރިވަރުން އަދި އަމިއްލަ ވަޒީފާތަކުގައި އުޅޭ މީހުންވެސް ހިމެނޭ ކަމަށް ފާހަގަ ކުރެވިފައިވެއެވެ.
މި އޮޕަރޭޝަނުގެ ބައެއްގެ ގޮތުގައި އާންމު ހެދުމުގައި ކައިރީގައި ތިބި ފުލުހުންގެ ޓީމުތަކުން ވަނީ ވަގުތުން ހަރަކާތްތެރިވެ، ޝައްކު ކުރެވޭ ގޮތަކަށް އުޅުނު މީހުންނާއި ބަސް ހުއްޓީގައި ތިބެ އުނދަގޫ ކުރި މީހުން ހިފަހައްޓާފައެވެ. ފުލުހުން ބުނި ގޮތުގައި، އަންހެނުންނަށް ގޯނާކުރުމާއި އާންމު މަސްލަހަތު ގެއްލޭ ފަދަ އަމަލުތައް ހިންގި މީހުންނާ މެދު ވަނީ ގާނޫނީ ފިޔަވަޅު އަޅާފައެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރޭގަނޑު ޕެޓްރޯލް ކުރުން ހަރުދަނާކުރުމާއި، އާންމު ތަންތަނުގެ ތެރެއިން ނުރައްކާ އޮތް ތަންތަން ދެނެގަތުމެވެ. މީގެ އިތުރުން، މި އޮޕަރޭޝަނުގެ ތެރެއިން ހިފެހެއްޓުނު މީހުންނަށް ކައުންސެލިންގް ދިނުމާއި، އަންހެނުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހިފެހެއްޓުނު މީހުންގެ ވަނަވަރާއި އެމީހުންނާ މެދު އެޅޭ ގާނޫނީ ފިޔަވަޅުތަކުގެ އިތުރު ތަފްސީލު ފުލުހުންގެ އިދާރާއިން ހާމަކުރާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ