ޗައިނާގެ އީޖާދެއް: އަތްތިލަ ޖައްސާލުމުން މެޓްރޯ ދަތުރަށް ފައިސާ ކެނޑޭގޮތް ހަދައިފި

ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވިސްނުން ބޭނުންކޮށްގެން ޗައިނާގައި މެޓްރޯ ދަތުރުކުރާ މީހުންނަށް ލުއިފަސޭހަ ގޮތެއް ހަދައިފިއެވެ.
ޗައިނާގެ ވެެރިރަށް ބެއިޖިންގައި މެޓްރޯ ދަތުރުކުރާ މީހުން ދަތުރަށް ފައިސާ ދެއްކުމަށް މިހާރު ތަކުލީފުތަކެއް އުފުލާކަށް ނުޖެހެއެވެ. ވަރަށް ފަސޭހައިން ވާގޮތަށް އެކަން މިވަނީ އިންތިޒާމްކޮށްފައެވެ.
އެގޮތުން، ޗައިނާއިން ތައާރަފު ކޮށްފައިވަނީ މެޓްރޯ ދަތުރުކުރާ މީހުން އަތްތިލަ ޖައްސާލައިގެން ދަތުރަށް ފައިސާ ދެއްކޭނެ ލުއި ގޮތެކެވެ. މެޓްރޯ ސްޓޭަޝަންގައި ހުންނަ މެޝިނުގައި އަތްތިލަ ޖައްސާލުމުން، ސްކޭންވެ، މެޓްރޯ ދަތުރަށް ފައިސާ ކެނޑެއެވެ.
މިކަން އިންތިޒާމްކޮށްފައިވަނީ ޗައިނާގެ ޓެންސެންޓުން ހިންގާ ވީޗެޓް ޕޭއާ ގުޅިގެންނެވެ.
ވީޗެޓަކީ ޗައިނާގެ މަޝްހޫރު މަލްޓި ޕާޕަސް މެސެޖިން، ސޯޝަލް މީޑިއާ، އަދި މޯބައިލް ޕޭމަންޓް އެޕެކެވެ. ވީޗެޓް ބޭނުންކުރަނީ އާންމު ގޮތެއްގައި މުވާސަލާތުކުރުމާއި، ފައިސާ ދެއްކުމަށެވެ.
ޗައިނާގައި މެޓްރޯ ދަތުރުތަކަށް ފައިސާ ދެއްކުމަށް ތައާރަފުކުރި "ޕާމް ސްކޭނިން" ޚިދުމަތަށް ބަލާއިރު، މިޚިދުމަތް ބޭނުންކުރުމަށް ފުރަތަމަ ފަހަރު، މެޓްރޯ ސްޓޭޝަންގައި ހުންނަ މެޝިނުގައި ރަޖިސްޓަރީވާންޖެހެއެވެ.
މޯބައިލް ފޯނުގައި "ފިންގަރ ޕްރިންޓް އަންލޮކް" ގެ ޚިދުމަތް ބޭނުންކުރުމަށް، އަތުގެ އިނގިލީގެ ނިޝާން ރަޖިސްޓަރީކުރާ އުސޫލުންނެވެ. މެޝިނަށް އަތްތިލަ ރަޖިސްޓަރީކުރާއިރު، ވީޗެޓް ޕޭއަށް މުއާމަލާތްތައް ފުރިހަމަކުރުމަށް އޮތޮރައިޒޭޝަން ދޭންޖެހެއެވެ.
ރަޖިސްޓަރީކުރުމުގެ ކަންކަން ނިމުމުން، މެޝިންގައި އަތްތިލަ ޖައްސާލައި އަތްތިލަ ސްކޭންކޮށްލައިގެން ވީޗެޓް ޕޭ މެދުވެރިކޮށް އެމީހަކަށް ދަތުރަށް ފައިސާ ދެއްކޭނެއެވެ. ކޮންމެހެން މެޝިން މަތީ އަތްތިލަ ޖައްސާކަށްވެސް ނުޖެހެއެވެ. އަތްތިލަ ގާތްކޮށްލުމުން ސްކޭންވާނެއެވެ.
އަތްތިލަ ސްކޭންވެ، ފައިސާ ކެނޑުމުން، މެޓްރޯ ސްޓޭޝަނަށް ވަނުމަށް ގޭޓް ހުޅުވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ