ޗާގޯސް ރަށްތަކުގެ މުސްތަގުބަލު ކަނޑައެޅުމަށް، އިނގިރޭސިވިލާތާއި މޮރިޝަސް އިން ގާއިމުކޮށްފައިވާ އެއްބަސްވުން ތަސްދީގު ނުކުރުމަށް އދ.ގެ ކޮމިޓީއަކުން ގޮވާލައިފަ އެވެ.
އިނގިރޭސިވިލާތާއި މޮރިޝަސް އިން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށްތަކުގެ ސިޔާދަތު މޮރިޝަސްއާ ހަވާލުކޮށް، އެންމެ ބޮޑު ރަށް ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާ-އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒުގެ ކޮންޓްރޯލް އިނގިރޭސިވިލާތަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ވަނީ ދެ ފަރާތުން ސޮއިކޮށްފަ އެވެ.
މީގެ 65 އަހަރު ކުރިން، 1960 އާއި 1970ގެ އަހަރުތަކުގައި 2،000އަށް ވުރެ ގިނަ ރަށްވެހިން ގަދަކަމުން އެ ޖަޒީރާ ރަށްތަކުން ބޭރުކުރި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އިނގިރޭސިވިލާތުގައި ވަޒަންވެރިވި އެވެ. އަދި އެ މީހުންގެ ތެރެއިން އެއް ބަޔަކު އެނބުރި އެ ރަށްތަކަށް ދިއުމުގެ ހައްގު ހޯދަން މަސައްކަތް ކުރި އެވެ.
އދ.ގެ 'ކޮމިޓީ އޮން ދަ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން' އިން ބުނީ އެ އެއްބަސްވުމުގެ ސަބަބުން ޑިއޭގޯ ގާސިއާގެ ރަށްތަކުގެ ރައްޔިތުން އެމީހުންގެ ކާބަފައިންގެ ބިންތަކަށް އެނބުރި ދިއުމަށް ހުރަސް އެޅޭތީ ކަންބޮޑުވާ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ކުރިން ކޮށްފައިވާ އަނިޔާތައް ރަސްމީކޮށް ބަލައިގަނެ، އެ ގެއްލުންތަކަށް ފުރިހަމަ ބަދަލު ދީފައި ނުވާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މި ނިންމުމަކީ ވަރަށް ބޮޑު ހިތްވަރެއް. އޭގެ ސަބަބުން އަހަރެމެންނަށް ހިތްވަރު ލިބެނީ އެކުގައި މަސައްކަތް ކުރުމަށް،" އދ.އަށް މައްސަލަ ހުށަހެޅި އިނގިރޭސި ޗަގޯސިއަން ރައްޔިތެއް ކަމަށްވާ ބާޓްރިސް ޕޮމްޕޭ ވިދާޅުވި އެވެ.
އިނގިރޭސިވިލާތާއި މޮރިޝަސްއަކީ 1965 ވަނަ އަހަރު އެކުލަވާލި 'ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން'ގައި ހިމެނޭ ދެ ގައުމެވެ. އެ ލިސްޓްގައި 180 ގައުމު ހިމެނެ އެވެ.
"ޗަގޯސިއަން މީހުންނަށް މި ރަށްތަކުގެ މުހިއްމުކަން އަޅުގަނޑުމެންނަށް އެނގޭ،" އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޖެނީވާގައި ހުންނަ މޮރިޝަސްގެ ޑިޕްލޮމެޓިކް މިޝަނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރުމަށް 2019 ވަނަ އަހަރު ދުނިޔޭގެ ކޯޓުން ވަނީ އިނގިރޭސިވިލާތަށް ގޮވާލައިފަ އެވެ. އިނގިރޭސިވިލާތުން ވަނީ ޗާގޯސްގެ މީހުން އެ މީހުންގެ ރަށްތަކުން ބޭރު ކުރި ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އެއްބަސްވެފަ އެވެ.
ޗަގޯސިއާގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާއި ގެއްލެމުންދާ ހައްގުތައް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
ޗާގޯސްގެ އެއްބަސްވުން ތަސްދީގު ނުކުރަން އދ.ގެ ގުނަވަނަކުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ