ސަރުކާރާއި ކުންފުނިތަކުގައި މަސްލަހަތު ފުށޫއެރުމާ ގުޅޭ އުސޫލު ހަދަން، އޭސީސީން ގައިޑްލައިނެއް ނެރެފި
ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންގެ މަސްލަހަތު ފުށޫ އަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި ސިޔާސަތުތައް އެކުލަވާލުމުގެ އެހީއެއްގެ ގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ގައިޑްލައިނެއް މިއަދު ގައިޑްލައިނެއް ނެރެފިއެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ޚާއްސަކޮށް މިއަދު ފާހަގަކުރާ، ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައި އޭސީސީން ބޭއްވި ރަސްމިއްޔާތުގައި އެ ގައިޑްލައިން ނެރެދެއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމެވެ. އެ ގައިޑްލައިންގައި ވަނީ، ދައުލަތުގެ އޮފީސްތަކާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ގައިޑްލައިންގައި ހުށަހަޅާފައިވާ އިރުޝާދުތައް ތަންފީޒުކުރުމުގައި އެ އިދާރާ ނުވަތަ ކުންފުންޏެއްގެ މަސައްކަތަށް ރިޢާޔަތްކުރަންވާނެ ކަމަށެވެ. އަދި މުއައްސަސާގެ ހުރިހާ ގިންތިއެއްގެ މުވައްޒަފުން ހިމެނޭނެހެން އެ ސިޔާސަތުތައް ތަންފީޒުކުރަންވާނެ ކަމަށާއި ދައުލަތުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި ވެސް އެ ގައިޑްލައިންގެ ޢަލީގައި، މަސްލަހަތު ފުށުއަރާ ޙާލަތްތަކުގައި ޢަމަލުކުރާނެ އުސޫލުތައް ގާއިމުކުރުމަކީ ތަރުހީބުދޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެ ގައިޑްލައިންގެ ބައެއް މަގުސަދުތަކުގެ ތެރޭގައި: ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގައުމީ ފެންވަރުގައި އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުން މަސްލަހަތު ފުށުއަރާ ނުވަތަ މަސްލަހަތު ފުށުއަރާފާނެ ޚާއްޞަ ޙާލަތްތަކާއި ހިރާސް ބޮޑު ފަރާތްތައް ދެނެގަނެ ޢަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު އަސާސްތަކާ ގުޅޭގޮތުން އިރުޝާދު ދިނުން އިދާރާތަކުން އެ އިދާރާއެއްގެ މަސައްކަތްތަކާއި ބޭނުންތަކަށް ރިޢާއަތްކޮށ،ް މަސްލަހަތު ފުށުއަރާ ޙާލަތްތަކުގައި ކުރެވިދާނެ ކަންތައްތަކާއި ގެންގުޅެންވާނެ މިންގަނޑުތައް ބަޔާންކުރުން ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ ސަގާފަތެއް އިދާރާތަކުގައި ގާއިމުކުރުމަށް ބާރުއެޅުން އޭސީސީން ބުނީ، ރާއްޖޭގެ ގައުމީ ނަޒާހަތްތެރިކަމުގެ ނިޒާމުގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި އިދާރާތަކާއި ކުންފުނިތަކަކީ ރައްޔިތުންއިތުބާރުކުރާ، ހަރުދަނާ ހިންގުމުގެ ނިޒާމުތައް އެކަށައެޅިފައިވާ ތަންތަންކަމުގައި ވާންޖެހޭ ކަމަށެވެ. އެހެންވެ، އިދާރާތަކުގައި މަސްލަހަތު ފުށުއެރުމުގެ ޙާލަތްތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އުސޫލުތަކާއި ސިޔާސަތުތައް އެކުލަވައިލެވިފައި ހުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް: ސަރުކާރާއި ކުންފުނިތަކުގައި މަސްލަހަތު ފުށޫއެރުމާ ގުޅޭ އުސޫލު ހަދަން، އޭސީސީން ގައިޑްލައިނެއް ވަނީ ނެރެފައި -- ފޮޓޯ/ އޭސީސީ އޭސީސީން، މަސްލަހަތު ފުށުއަރާ ޙާލަތްތަކަށް ރިޢާޔަތްކުރާ އުސޫލުތަކާއި ސިޔާސަތުތައް ބައްޓަންކުރުމުގައި އަމަލުކުރުމަށް ދީފައިވާ ލަފާތަކުގެ ތެރޭގައި، މަސްލަހަތު ފުށުއަރާ ނުވަތަ ފުށުއަރާފާނެ ޙާލަތްތަކާއި ގުޅުންތައް ތަފުސީލީ ގޮތެއްގައި ބަޔާންކުރުން ހިމެނެއެވެ. އެގޮތުން ރިއާޔަތް ކުރަން އިރުޝާދު ދިން ކަންތައްތަކުގެ ތެރޭގައި: ރަސްމީ މަސައްކަތުގެ ބޭރުން އަދާކުރާ އެހެނިހެން ވަޒީފާތަކާއި ޙަރަކާތްތައް އަދި ޒިންމާތައް މާލީ މަންފާލިބޭ ޙަރަކާތްތައް (ވިޔަފާރިއާއި އިންވެސްޓްމެންޓްތައް) ޖަމްއިއްޔާ ޖަމާޢަތްތަކާއި ސިޔާސީ ޕާޓީތަކާއި އެހެނިހެން އިދާރާތަކާ އޮންނަ ގުޅުން އާއިލީ ގުޅުންތަކާއި އެހެނިހެން ގާތް ގުޅުންތައް (ކްލޯޒް ރިލޭޓިވްސް އަދި ކްލޯޒް އެސޯސިއޭޓްސް) އެކި ފަރާތްތަކުން ލިބޭ ހަދިޔާތަކާއި އެހީތައް މީގެ އިތުރުން މަސްލަހަތު ފުށޫއެރުމުގެ ހިރާސް ބޮޑު ދާއިރާތައް ކަނޑައެޅުމަށާއި މުވައްޒަފުންނަށް ހުށަހަޅާ ހަދިޔާއާއި މަންފާއާ މެދު އަމަލުކުރާނެ ގޮތްކަޑައެޅުމަށް ވެސް އޭސީސީގެ ގައިޑްލައިންގައިވެއެވެ. ހަމައެއާއެކު، އެ އުސޫލު ތަންފީޒުކުރުމުގައި އިސް މުވައްޒަފުންގެ ދައުރު "ޓޯން އެޓް ދަ ޓޮޕް" ބަޔާން ކުރުމަށް އިރުޝާދު ދީފައިވެއެވެ. އެގޮތުން، އިދާރާތަކުގެ އިސް މުވައްޒަފުން ޒާތީ ތައައްސުބުން އެއްކިބާވެ މަސްލަހަތު ފުށުއަރާ ޙާލަތްތަކަށް ވިސްނައި، އެ ކަންކަން ޙައްލުކުރުމުގައި އިސްނަގައި އެހެން މުވައްޒަފުންނަށް ނަމޫނާ ދެއްކުމަށް އޭސީސީން ވަނީ އަންގައިފައެވެ. https://sun.mv/215009 އެ ގައިޑްލައިންގައި ވަނީ، ވަކިވަކި ޙާލަތްތަކުގައި ނުފޫޒުން އެއްކިބާވެ ނަޒާހަތްތެރިކަމާއެކު ގޮތް ނިންމުމުގެ ގާބިލުކަން އިދާރާގެއިސްވެރިންގެ ކިބައިގައި ހުރިކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައެވެ. އޭސީސީން އެ ގައިޑްލައިން ނެރުނުއިރު، ކޮރަޕްޝަނުގެ ކުށްތައް ހުއްޓުވުމުގައި އެ ކޮމިޝަނަށް ދައުރު އަދާނުކުރެވޭ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް، އެއިރަކު އޮންނަ ސަރުކާރެއްގެ މައްސަލަތައް ބޮޑުވި ނަމަވެސް، ސަރުކާރު ބަދަލުވުމުން ނޫނީ މައްސަލަ ނުބަލާ ކަމަށާއި އެއީ މެންބަރުން ވަޒީފާގެ މަސްލަހަތުގައި ކުރާ ކަމެއް ބުނާ ތުހުމަތުތައް އޭސީސީއަށް އަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ