މީހަކަށް ތަކްލީފެއް ޖައްސަވައިފިނަމަ އެކަމަކުން ސަލާމަތްވެވޭނެ މަގުތައްވެސް ލައްވަވަތެވެ. ވަޤުތުވެސް ކަނޑައަޅުއްވަވަތެވެ. އަދި އެކަމަކުން އަރައިގަންނަން އެހީތެރިވެދޭނެ ބައަކުވެސް ކަނޑައަޅުއްވަވަތެވެ. ޖުމުލަކޮށްލާފައި ބުނާނަމަ އެކަމުން ސަލާމަތްވެވި އަރައިގަނެވޭނެ ހުރިހާ މަގުތަކެއް ފަހިކޮށް ދެއްވަވަތެވެ. އެކަންކަން އަހުރެމެންނަށް ނުއެނގެނީއެވެ.
އެކަމަކު ބުނަންހެއްޔެވެ؟ ބައެއް މީހުންނަށް އެއިން އެއްވެސް ކަމެއް ނުއެނގި ކަންބޮޑުވެވެނީ އެމީހާގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. ޢަމަލުތައް ސީދާކޮށް ބަހައްޓާ މީހުންނަށް ކަންކަން ފަސޭހަވެގެންދާނެއެވެ. އެއިރުން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުރިމަތިވި ހުރަސްތަކަށް ކަންބޮޑުނުވެ ހުންނަން ހިތްވަރު ލިބުމެވެ.
އެކަމަށް ތަކްލީފް އުފުލަންޖެހޭނީ ވަކި މުއްދަތަކަށްކަމާއި އެމުއްދަތު ﷲ ތަޢާލާ މިހާރުވެސް ވާނީ ކަނޑައަޅުއްވަވާފައި ކަމާއި މުއްދަތު ހަމަވުމުން ތަކްލީފް ފިލައިގެންދާނެކަން ޤަބޫލުކުރެވޭނެތީއެވެ. ޙަޤީޤަތުގައި އެޘާބިތުކަން މީހުންނަށް ލިބިގެންދާނީ އެމީހާގެ ކިބައިގައި ތަޤްވާވެރިކަން ހުރިނަމައެވެ. ތަޤްވާވެރިކަން ހުރިވަރަކުންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތަކްލީފް އުފުލަން ނުޖެހުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރައެވެ. އެއިރުން ދިމާވާ ގޮތަކީ ތަކްލީފް އުފުލައިގެން ނުވަތަ ކެތްތެރިވީތީ ލިބެން އޮތް ޘަވާބު ނުލިބި މަޙްރޫމްވަނީއެވެ. ވީމާ ތަކްލީފް އުފުލަންޖެހުމަކީ މުޞީބާތެއް ކަމަށް ނުދެކޭށެވެ. ހިތާމަކުރަންވީ ތަކްލީފް އުފުލަން ނުޖެހުމެވެ.
ތަކްލީފް އުފުލަންޖެހި ކެތްތެރިވި މީހުންނަށް ޤިޔާމަތް ދުވަހު ދެއްވަވާ މަތިވެރި، ގިނަގުނަ ޘަވާބުތައް ފެނުމުން އެފަދަ ޙާލެއް ކުރިމަތިނުކުރެއްވެވީތީ ދެރަވެ ހިތާމަކުރާނެއެވެ. ވީމާ ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވެއްޖެނަމަ ޝުކުރުވެރިވެ އުފާކުރާށެވެ! އެކަމަކުން ސަލާމަތް ކުރެއްވެވުމުން ޙަމްދުކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވީމަ އޮތީ ޝުކުރުވެރިވެ އުފާކުރުން! އެޙާލަތު ދިމާނުވުމަކީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ