މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި ގޮތުގައި، ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. ފާއިތުވި ހަތަރު އަހަރު ދުވަހު 10 އިންސައްތައިގައި ހުރި މި އަދަދު މިހާރު ވަނީ 21 އިންސައްތައަށް މައްޗަށް ގޮސްފައެވެ.
އެމްއެމްއޭއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ބޭރުފައިސާއިން ލިބޭ އާމްދަނީގެ 90 އިންސައްތަ އެމްއެމްއޭއަށް ގެނެވޭއިރު، އޭގެ 60 އިންސައްތަ ބޭނުންކުރެވެނީ ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ. މި ގޮތުން މި އަހަރު ދަރަނި އަދާކުރުމަށް 174 މިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 51 އިންސައްތަ އިތުރު އަދަދެކެވެ.
ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަން އެމްއެމްއޭއިން ފާހަގަކުރެއްވިއެވެ. އަދި އެމްއެމްއޭއަށް ގެނެވޭ ޑޮލަރުގެ 30 އިންސައްތަ އަބަދުވެސް ބޭންކިންގ ނިޒާމުގެ ތެރެއިން އާންމުންނަށް ފޯރުކޮށްދެމުން ގެންދާކަމަށް ވިދާޅުވިއެވެ.
ވަކިން ޚާއްޞަކޮށް މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައިވާކަން އެމްއެމްއޭއިން ފާހަގަކުރެއްވިއެވެ. ކުރިން 5 އިންސައްތައިގެ ޓީޓީ ސަޕޯޓެއް ދެމުން ދިޔަ ބޭންކުތަކުން މިހާރު 30 އިންސައްތައާ ހަމައަށް ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދެމުން ގެންދެއެވެ. އަދި މި އަދަދު 50 އިންސައްތައަށް އިތުރުކުރުމަކީ އެމްއެމްއޭގެ އަމާޒެއް ކަމުގައިވެސް ވިދާޅުވިއެވެ.
ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންކަމެވެ. މި ގާނޫނުގެ ސަބަބުން ބޭންކިންގ ނިޒާމަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުވެ، އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލިބޭ ޑޮލަރުގެ މިންވަރު ވަނީ އިތުރުވެފައެވެ.
ބޭރުފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު 10 އިންސައްތައަށް 21 އިންސައްތައަށް އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ