ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އަޅާ 4،000 ފްލެޓު ލިބޭ މީހުންނާ އެކު މާދަމާ އިން ފެށިގެން އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެފްޑީސީ އިން ބުނީ، މާދަމަ އިން ފެށިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގެ ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ކަމަށެވެ.
ތަފްސީލް - އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސޮއިކުރުން ކުރިއަށްދާނީ ހެނދުނު 9 އިން ހަވީރު 4 އަށް
ސޮއިކުުރުން ކުރިއަށް ގެންދާނެ ސަރަހައްދުތައް އެފްޑީސީ އިން އާންމު ކުރާނެ
ސޮއިކުރަން ދާންޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ 'ފަހި ޕޯޓަލް' މެދުވެރުކޮށް ޝެޑިއުލްކުރާނެ؛ އަދި ފްލެޓު ލިބޭ މީހުންނަށް އަންގާނެ
އެއްބަސްވުމުގައި ސޮއިކުރުރަންދާއިރު ގެންދަން ޖެހޭ ލިޔުންތައް
ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް
ޒިންމާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު
އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް
އެފްޑީސީގެ ފްލެޓުތައް ހަވާލު ކުރާނީ ބޮކި ފަންކާ ހަރުކޮށްް، ކުލާ ހެދުމަށް ފަހު އެވެ. އެ ކުންފުނިން ބުނީ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެފްޑީސީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ މެެއި މަހު ސަރުކާރުން ބުނެފައިވާ ގޮތުގައި، އެހާތަނަށް ނިމިފައިވަނީ 4،000 ފްލެޓްގެ ތެރެއިން 1،000 ފްލެޓެވެ. އެ ނިމުނު ތަންތަނުގައި އަންނަ މަހު ދިރިއުޅެވޭ ވަރު ވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓް މުރާޖާ ކުރުމުގެ މަސައްކަތް ފެށި ނަމަވެސް، މިދިޔަ މަހު ނިންމާފައިވަނީ އެ ސަރުކާރުގައި އެކުލަވާލި ލިސްޓަށް ފްލެޓް ދިނުމަށެވެ. އޭގެ ތެރެއިން ބާކީ ވާނީ ހަމައެކަނި މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތައް އެކަނި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެފްޑީސީ ފްލެޓު ލިބޭ މީހުންނާ އެކު ސޮއިކުރަން މާދަމާ ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ