ފްލެޓު ދޭ އުސޫލަށް ބަދަލެއް: އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައި އޮތަސް ފްލެޓު ލިބޭނެ

"ބިންވެރިޔާ" ސްކީމްގެ ދަށުން އަނބިމީހާ އާއި ފިރިމީހާއަށް ގޯތި ލިބިފައި ވާނަމަ، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓު ލިބޭނީ އެ ގޯތި ދޫކޮށްލުމުން ކަމަށް ނިންމި ނިންމުން ހައުސިން މިނިސްޓްރީން މިރޭ ބަދަލުކޮށްފިއެވެ. މިދިޔަ މޭ މަހުގެ 29ވަނަ ދުވަހު ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފްލެޓް ލިބޭނީ ބިންވެރިޔާގެ ދަށުން ގޯތި ލިބިފައިވާ އަނބިމީހާ ނުވަތަ ފިރިމީހާގެ ތެރެއިން ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމަށެވެ. ނަމަވެސް، މިރޭ ކުރި އިއުލާނެއްގައި އެ މިނިސްޓްރީން ބުނީ، އެ ނިންމުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތަށް އަމަލު ނުކުރަން ނިންމީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދާތީ އާއި، ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ބިންވެރިން ދިރިއުޅެން ފެށުމަށް ވަގުތު ނަގާނެތީ ކަމަށް އެ އިއުލާނުގައި ވެއެވެ. މިނިސްޓްރީން ބުނިގޮތުގައި، ނޮވެމްބަރު 15، 2023ގައި އާންމުކުރި ފްލެޓު ލިސްޓުގައި ވާ އެއްވެސް ފަރާތަކަށް، ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފައި ނުވާނެ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، 4،000 ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އަންނަ ހޯމަ ދުވަހުން ފަށަން ވަނީ ނިންމައިފައެވެ. https://sun.mv/208797 ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފްލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023 ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ވަނަ ދުވަހު ނެރުނެވެ. އެހެންނަމަވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށެވެ. އެއަށްފަހު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1،820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ. މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ފްލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ