ރައީސް ޔާމީން ނިހާދަށް: ފަސް ބައްރުން އައްޑޫއަށް އައި ޖެޓުތައް ފެނި ކޮސްވެއްޖެ

ފަސް ބައްރުން އައްޑޫއަށް އައިސް އޮތް ޖެޓުތައް ފެނިވަޑައިގެން ކޮސްވެއްޖެ ކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްދުދެއްވައިފިއެވެ.
ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން ނިހާދު ވިދާޅުވީ އައްޑޫ ސިޓީގެ މަގު ހެދުމުން ފެށިގެން ގޮސް މިސްކިތާއި އެނޫންވެސް ތަރައްގީތައް ފެނި ރައީސް ޔާމީނާއި ޕީޕީއެމްގެ އެހެން ބޭފުޅުންވެސް ތިއްބެވީ ހައިރާންވެ ކޮސްވެފައި ކަމަށާއި ދެން ވެވަޑައިގަންނަވާނެ ވައުދަކާއިމެދު ރައީސް ޔާމީން ވިސްނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ރޭ އައްޑޫ ސިޓީ ހިތަދޫ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވިދާޅުވީ ނިހާދު ވިދާޅުވީ ތެދެއް ކަަމށާއި އައްޑުއަށް ވަޑައިގެން އެއާޕޯޓުގައި އެތައް ފަހަރަކު ބުރު ޖެއްސެވިއިރު ހަތަރު ބައްރުން އައިސް އައްޑޫގައި ޖައްސާފައި އޮތް ޖެޓުތައް ފެނިވަޑައިގެން ކޮސްވެއްޖެ ކަމަށެވެ.
ރައީސް ޔާމީން އެފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައްޑޫ ސިޓީއަށް ދަތުރުތައް ފަށާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ނަމަވެސް އެކަން ނުވެ އޮތުމާއެކު އެކަމަށް ފާޑުވިދާޅުވެއެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކަށް ފަހު އައްޑޫން މާބޮޑު ކަމެއް ފެންނާކަށް ނެތް ކަމަށްވެސް ވިދާޅުވެފައެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާއި ކައުންސިލްގެ މެޖޯރިޓީ ގޮނޑިތައް އެމްޑީޕީއަށް އޮތްއިރު އެ ސިޓީ ތަރައްގީ ނުވެ އޮތީ ކީއްވެގެންތޯ ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ