އުނގޫފާރު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތް ނިންމައި ހަވާލު ކޮށްފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމާ އިމާރާތް ހަވާލުކޮށްފިއެވެ.
ޖެނުއަރީ 27، 2021 ގައި އެލިއާ ކޮންސްޓްރަކްޝަން އާ ހަވާލު ކުރި މި މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ އެ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ.
80 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓް ނިންމާލި އިރު އިމާރާތުގެ ތިރީބައިގައި 10 އެނދުގެ އެމަޖެންސީ ރޫމް (އީއާރު) އެއް ވަނީ ގާއިމް ކޮށްފައެވެ. އެ އީއާރުގައި ހައިޑިޕެންޑެންސީ 4 އެނދު ހުރި އިރު ލޯޑިޕެންޑެންސީ 4 އެނދު ހިމެނެއެވެ. ހަަމައެއާއެކު ތިރީ ބައިގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ވަނީ ގާއިމް ކޮށްފައެވެ. އެތަނުގައި އަލްޓްރާ ސައުންޑް ސްކޭން 2 ރޫމާއި އެކްސްރޭ 2 ރޫމާއި މެމޮގްރަފީ ރޫމަކާއި ސީޓީ ސްކޭން ރޫމަކާއި އެމްއާރުއައި ރޫމެއް ހިމެނެއެވެ.
އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ދެ ތިއޭޓަރު ހިމެނޭ ކޮމްޕްލެކްސް އެއް ވަނީ ހަދާފައެވެ. އެއީ ކަށީގެ ސާޖަރީތަކަށް ހާއްސަ ތިއޭޓަރަކާއި އެހެނިހެން ސާޖަރީ ތަކަށް ހާއްސަ ތިއޭޓަރެކެވެ. މީގެ އިތުރުން ފުރަތަމަ ފަންގިފިލާގައި ލެބޯޓަރީއެއް ވެސް ވަނީ ހަދާފައެވެ.
އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ވަނީ ފިޒިއޮތެރަޕީ ޑިޕާޓްމަންޓެއް ހަދާފައެވެ. އެހެންކަމުން އެ ހޮސްޕިޓަލުގައި މިހާރު ދެމުންގެންދާ ފިޒިއޮތެރަޕީގެ ހިދުމަތް އެ ތަނަށް ބަދަލުކުރެވި ހިދުމަތް ފުޅާކުރެވިގެންދާނެ ކަަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އެ ފލޯގައި 10 ކޮޓަރީގެ ޕްރައިވެޓް ވޯޑެއް ވެސް ވަނީ ހަދާފައެވެ. އެ 10 ކޮޓަރިއާއެކު ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމްގެ އަދަދު ވަނީ 16 އަށް އިތުރު ވެފައެވެ.
ދެ އެ އިމާރާތުގެ ޓެރަސް ބައި ގައި ވަނީ 310 ކިލޯވޮޓްގެ ސޯލާޕެނަލް ހަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ