މަޖިލިސް މެންބަރު ކަމުން ރައީސް ނަޝީދު ވަކި ކޮށްދިނުމަށް އެދި ސްޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރު ކަމުން ވަކި ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. މިސްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އދ.ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ނަޝީދު ވަޑައިގަތުމަކީ އެމަނިކުފާނު ކޮށްފައިވާ ހުވައާ ހިލާފް ކަމެއް ކަމަށް ބެއް ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ. އެކަމަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ނަޝީދު ވަކިކޮށްދިނުމަށް އެދި ގާނޫނީ ވަކީލް އަހްމަދު ތާލިބް ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގައި ބުނެފައިވަނީ, ދިވެހި ދައުލަތުގެ މަސްލަހަތު ފުށުއަރާ ގޮތަށް ދިވެހި ދައުލަތުން މުސާރަ ނަންގަވައިގެން ދިވެހި ގައުމަށް ވަފާތެރިވުމަށް ކޮށްފައިވާ ހުވަޔާ ހިލާފަށް އެހެން ސިޔާދަތީ ބާރެއް ތަމްސީލްކުރުމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފް ކަމެއް ކަމަށެވެ. ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން ރައީސް ނަޝީދުގެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއްކަމަށް ކަނޑައަޅައި އެމަނިކުފާން މެންބަރު ކަމުގެ ގާނޫނީ ޝަރުއީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދެއްވުމަށް ތާލިބް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން އަދި ބަލައިގަތްކަން ނުވަތަ ނޫން ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަޝީދު ލަންކާ ތަމްސީލު ކުރައްވާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ ފާޑުވިދާޅުވެފައެވެ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ތިން ބާރުގެ ތެރެއިން ގާނޫނު ހަދާ ބާރުގެ އެންމެ އިސްވެރިޔާ އެހެން ގައުމެއް ތަމްސީލް ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމަށެވެ. "ދިވެހި ދައުލަތަށް ޚިޔާނާތްތެރިވެވޭނެ އެހެން ގޮތެއް ކިޔައިދެއްވަ ބައްލަވާ މިއަށްވުރެ ބޮޑަށް. އެހެން ގައުމެއް ތަމްސީލްކުރަން މިދިޔައީ އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޖައިބެއް ނޫން ތޯ," މުނައްވަރު ވިދާޅުވިއެވެ. ނަޝީދަށް މުސާރަ އާއި ހިމަޔާތް ދެނީ ދިވެހި ދައުލަތުންކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ ގައުމެއް ތަމްސީލް ކުރައްވާނަމަ ނަޝީދު ވަޑައިގަންނަވަން ޖެހޭނީ ދިވެހިރާއްޖެ ތަމްސީލްކުރައްވަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ