"ޕެޓްރޯލް" ނަމުގައި އައްޑޫ ސިޓީ ރައްޔިތުން ހޭލުންތެރިކުރަން ފުލުހުންގެ ހާއްސަ ޕްރޮގްރާމެއް

ކުށްމަދު އަމާން މުޖުތަމަޢުއެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމަށް "ޕެޓްރޯލް" ގެ ނަމުގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
ފުލުހުންގެ މުއައްސަސާއިން ބުނީ މެއި މަހު 13 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކޮށް ކުށުން ރައްކާތެރިކުރުމަށާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވައިވާ ކަމަށެވެ.
އެގޮތުން، ރަށުތެރޭގައި އާންމުކޮށް ހިންގާ ކުށްތަކާއި، އާންމުކޮށް ކުށްކުރާ ގަޑިތައް ރައްޔިތުންނާ ހިއްސާކޮށް، އެގަޑި ތަކުގައި އިތުރަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު، މިހާތަނަށް ޒިރާޔަތްކުރި ގޭބިސީތަކާ ހިއްސާކޮށްފައިވެއެވެ. އަދި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމާއި އެފަދަ ކަމެއްގައި ނުޖެހި ސަލާމަތްވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުންވެސް، ބޭންކުގެ ނަމުގައި ގުޅައިގެންވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމާއި އެގޮތަށް މީހަކު ގުޅިކަމުގައިވިޔަސް އެ މީހަކަށް ކޭޝްކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވައިވާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަދި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންނާ ގުޅޭގޮތުން ފާހަގަކުރެވޭ ކަމެއް ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. ވައްކަންކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ އެއްވެސް މުދަލެއް ނުގަތުމަށާއި، އެއީ ކުށެއްކަމާ އަދި އެއީ ވައްކަން ކުރުމަށް ދެވޭ ހިތްވަރެއްކަމުގައި ބުނެދީ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ޕްރޮގްރާމްގައި، ގަމު އޭރިޔާގައި ހިމެނޭ ހުރިހާ ރަށެއްގެ ގޭބިސީއަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުންގެ މުއައްސަސާއިން ބުނީ މިއީ ގަން ޕޮލިސް ސްޓޭޝަނާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ