ޔާމީން، ފަނޑިޔާރު ރަޝީދަށް އިންޒާރު ދެއްވި މައްސަލަ ފުލުހަށް!

އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންއަށް އިންޒާރު ދެއްވި މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޕީޕީއެމްގެ މެމްބަރު ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާއެއްގައި ޔާމީން ވަނީ، ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދު “ޖަމްޕެއް ޖެހީ” ތަޖުރިބާ ހުރެގެން ނުވަތަ މޮޅުވެގެން ނޫން ކަމަށާއި އެއީ އެ މަނިކުފާނުގެ މައްޗަށް ހުކުމް ކުރަން ކެރިވަޑައިގަތުމުން ލިބިވަޑައިގަތް މަގާމެއް ކަމަށް ވިދާޅުވެފަ އެވެ.
އަދި އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ނީނދެވޭނެކަން އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އެފަދަ ސަބަބުތަކަށްޓަކައި މުއައްސަސާތައް ތާހިރުކުރަން ޖަލުތައް ބޮޑުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ޖޭއެސްސީގެ އޮފިޝަލަކު މީޑިއާތަކަށް މިއަދު ވިދާޅުވީ، ފަނޑިޔާރަކަށް ނުވަތަ ޝަރީއަތަކާ ގުޅިގެން އެއްވެސް މީހަކު އިންޒާރެއް ދީފި ނަމަ އެކަން ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ. އެގޮތުން ޔާމީންގެ މައްސަލަ ފުލުސް އޮފީހަށް މިދިޔަ ހަފުތާގައި ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ