ނިމާލް ހިމެނޭހެން އިދިކޮޅު މުޒާހަރާ އިން 6 މީހަކު ހައްޔަރު ކޮށްފި

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ކުރަމުންދާ މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މިއަދުގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 6 މީހުން ކަމަށެވެ. އަދި ޕީޕީއެމުން ބުނީ، މިއަދުގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް ވެސް ހިމެނޭ ކަމަށެވެ.
މިއަދު ޕީޕީއެމް/ޕީއެންސީންގެ މުޒާހަރާ ކުރުމަށް ނިކުމެފައި ވަނީ "އިންޑިއާ މިލިޓްރީ އައުޓް" މި ނަމުގައެވެ. ޗާންދަނީމަގު މަޖީދީމަގު ކަންމަތިން މުޒާހަރާ ފެށިއިރު، ނިމާލްއާއި އިތުރު ބަޔަކު ހައްޔަރު ކުރީ އެ ހިސާބުންނެވެ.
މުޒާހަރާއަށް ހުރަސް އެޅުމަށް ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފައެވެ. އެގޮތުން، ބްރިޖު ވިއު ޕްލެޓްފޯމުން ފެށިގެން އާޓިފިޝަލް ބީޗްއާ ހަމައަށް ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވެއެވެ. ހަމައެއާއެކު ބޮޑުތަކުރުފާނު މަގަށް ނުކުމެވޭ ހުރިހާ ގޯޅިއެއް ބަންދުކޮށް ފުލުހުން ދަނީ އެ ސަރަހައްދުގައި ފޯރިމަރަމުންނެވެ.
މިދިޔަ ހުކުރު ދުވަހުވެސް އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. އެ މުޒާހަރާއިން ވެސް ފުލުހުން ގިނަ ބަޔަކު ހައްޔަރު ކުރިއެވެ. ޖުމްލަ 24 މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރި އިރު އޭގެތެރެއިން އެކަކު ފިޔަވާ ދެން ތިބި މީހުން ދޫކޮށްލީ ޖޫރިމަނާ ކުރުމަށް ފަހުއެވެ.
އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހު އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެޗްޕީއޭއިން ވަނީ އެއްވުންތައް ނުބޭއްވުމަށާއި އާންމު ތަންތަނަށް އެކުއެކީގައި 5 މީހުންނަށް ވުރެ ގިނައިން ނުކުމެ އުޅުން މަނާކޮށްފައެވެ. އަދި އެޗްޕީއޭގެ އެންގުންތައް ތަންފީޒު ކުރަން ފުލުހުން މަސައްކަތް ކުރަމުން ދާނެ ކަމަށް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ